ކުޅިވަރު

ދޮންފަނު އިންވިޓޭޝަން ކަޕް ހުޅުވާ މެޗް ޑިސެމްބަރ 1 ގައި ފަށާނެ


ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓާއި މުބާރާތް ބާއްވާ ދޮންފަނެވެ.

ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ފަށާ މިމުބާރާތުގައި ހަތް ޓީމެއް މިއަހަރު ބައިވެރިވެއެވެ.

އެއީ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓާއި، މުބާރާތުގެ ފޭވްރިޓުންގެ ގޮތުގައި ބަލަމުން އަންނަ ގޮއިދޫއާއި މުބާރާތް ބާއްވާ ދޮންފަނުގެ އިތުރުން ކިހާދޫ، ދަރަވަންދޫ، ކެންދޫ، މާޅޮހެވެ.

ކޮންމެ އަހަރެއްގެވެސް ސްކޫލް ބަންދާ ދިމާކޮށް ބާއްވާ މި މުބާރާތް މިއަހަރު ކުރިއަށްދާނީ ޑިސެމްބަރު 1 އިން 14 އަށެވެ.

ހަތް ޓީމު ދެ ގްރޫޕަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އޭދަފުށްޓާ ދޮންފަނާއި، އަދި ދަރަވަންދޫ އާ ކެންދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ ތިންޓީމެކެވެ. އެއީ ކިހާދޫ، ގޮއިދޫ، މާޅޮހެވެ.

ޒުވާން ކުޅުންތެރިން ބިނާކޮށް، ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ލޯބިޖެއްސުމަށާ، އަތޮޅުގައި ތިބި ޒުވާން އަދި އިހުގެ ފުޓްބޯޅަ ކުޅުންތެރިން އެއް މާޙައުލަކުން ބައްދަލުކޮށްލުމާއެކު، އިހުގެ ކުޅުންތެރިންގެ ތަޖުރިބާއާއެކު، ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅައިގެ ކުރިމަގު އުޖާލާކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މިމުބާރާތް ހިންގަނީ ދޮންފަނުގެ ޖަމްއިއްޔާއެއްކަމަށްވާ ދޮންފަނު ޒުވާނުންގެ ރޫޙުންނެވެ.