ޚަބަރު

ޒަކާތު ފަންޑުން ހަމަޖައްސައިދޭ ސްކޮލަރޝިޕަށް އެދި 29 އެޕްލިކޭޝަން


  • މަތީ ތަޢުލީމް ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްއަށް އެދި 18 އެޕްލިކޭޝަން

  • ޚާއްސަ ސްކޮލަރޝިޕްއަށް އެދި 11 އެޕްލިކޭޝަން

ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ހަމަޖައްސައިދެއްވާ ސްކޮލަރޝިޕަށް އެދި 29 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިިދިޔަ އޭޕްރީލްމަހުއެވެ. އަދި ސްކޮލަރޝިޕްއަށް އެދުމުގެ ފުރުޞަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ސްކޮލަރޝިޕްއަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން 29 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. އެގޮތުން މަތީ ތަޢުލީމް ހާސިލްކުރުމަށްދޭ ސްކޮލަރޝިޕްއަށް އެދި 18 އެޕްލިކޭޝަން ލިބުނުކަމަށާއި ޚާއްސަ ސްކޮލަރޝިޕްއަށް އެދި 11 އެޕްލިކޭޝަން ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް ހުޅުވާލާފައިވާއިރު، 30 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 30 ފުރުޞަތުގެ ތެރެއިން 13 ފުރުޞަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއްކަމަށެވެ. މި 13 ފުރުސަތު ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުގެ އިތުރުން މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީ އާއި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީއާއި، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީގެ އިތުރުން ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީން ތަޢުލީމު ހާސިލްކުރުމަށެވެ.

މީގެއިތުރުން ޔޫރޮލޮޖީ، ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ މިއިން ކޮންމެ ދާއިރާއަކުން ސުޕަރ ސްޕެޝަލިސްޓަކަށްވުމަށް އެއް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕެންޑް) 10 ފުރުސަތު ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.