ޚަބަރު

ސަސްޕެންޝަނުގައި އޮތްނަމަވެސް އޭޝިއަން ޔޫތު ގޭމްސްއަށް ބެޑްމިންޓަން ޓީމު އެކުލަވާލަނީ


އޮކްޓޫބަރުމަހު ބަހުރެއިންގައި ބާއްވާ އޭޝިއަން ޔޫތު ގޭމްސް 2025 ގައި ބައިވެރިވުމަށް ރާއްޖޭގެ ބެޑްމިންޓަން ޓީމު އެކުލަވާލުމަށް ސިލެކްޝަން މެޗުތައް ކުޅެން ނިންމައިފިއެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ސަސްޕެންޝަނެއްގައި ރާއްޖެ އޮތް ނަމަވެސް އޭޝިއަން ޔޫތު ގޭމްސްއަށް ރާއްޖޭގެ ޓީމު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވަނީ މުބާރާތުގެ އެ ސަސްޕެންޝަން އުވާލާނެކަމުގެ އުންމީދުގައެވެ.

ބީޑަބްލިއުއެފްއިން ރާއްޖެ ސަސްޕެންޑްކޮށްފައިވާތީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ބައިވެރިވުމުގެ ފުރުސަތުވަނީ ގެއްލިފައެވެ. އެހެންނަމަވެސް ވަކިވަކި ކުޅުންތެރިންނަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުއޮވެއެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ދީފައިވާ ގައުމީ ހައިސިއްޔަތު ކުޅިވަރު ވުޒާރާއިން އުވާލާފައިވާއިރު މިހާރު ބެޑްމިންޓަންގެ ކަންކަން ބަލަހައްޓަމުންދަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެކުލަވާލާފައިވާ އެޑްހޮކް ކޮމިޓީއަކުންނެވެ.

އެޑްހޮކް ކޮމިޓީގެ ޗެއާމަން، އަދި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަޙްމަދު މުންތަޤިމް ވިދާޅުވީ އޭޝިއަން ޔޫތު ގޭމްސްއަށް ރާއްޖޭން ޓީމެއް އެކުލަވާލުމަށް ބާއްވާ ސިލެކްޝަން މެޗުތައް މިއަދާ މާދަމާ މާލޭގައި ކުރިޔަށްދާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުންތަޤިމް ވިދާޅުވީ ބެޑްމިންޓަން ޓީމު އެކުލަވާލުމަށް މަސައްކަތް ކުރަނީ ބީޑަބްލިއުއެފްގެ ސަސްޕެންޝަން ސެޕްޓެމްބަރުގެ ނިޔަލަށް އުވާލާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

"ސެޕްޓެމްބަރުގައި ސަސްޕެންޝަން އުވާލާނެ ކަމަށް މި ބަލަނީ. އުންމީދު ކުރަނީ ރާއްޖެއަށް ބައިވެރިވެވޭނެކަމަށް. ބީޑަބްލިއުއެފް އާއި މަޝްވަރާ ކުރަމުން މިދަނީ" މުންތަޤިމް ވިދާޅުވިއެވެ.

މުންތަޤިމް ވިދާޅުވީ ބީޑަބްލިއުއެފްއާއެކު ރާއްޖެއިން ކުރިޔަށް ގެންދާ މަޝްވަރާތަކަށް ފަހު އޭޝިއަން ޔޫތު ގޭމްސްގެ ކުރިން ރާއްޖޭގެ ސަސްޕެންޝަން އުވާލާ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެއަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރީ މެއި 16 ގައެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން އަންނަނީ ބެޑްމިންޓަން އެސޯސިއޭޝަން އަލުން އިޔާދަކުރުން ބީޑަބްލިއުއެފް އާއި އޭޝިއަން ފެޑެރޭޝަނާއި މަޝްވަރާކުރަމުންނެވެ. އެޑްހޮކް ކޮމިޓީން އަންނަނީ ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށް ބެޑްމިންޓަން އެސޯސިއޭޝަންގެ މަސައްކަތްތައް އަލުން ފަށައިގެން ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އެންމެ ފަހުން ހިންގާ ކޮމިޓީއެއް އިންތިޚާބުކޮށްފައިވަނީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ މަހެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދު ތެރޭގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމުން މޫސާ ނާޝިދު (މޫސަ) ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އެ އެސޯސިއޭޝަނުގެ ރައީސްކަން މިދިޔަ ތިން ދައުރުގައި ކުރެއްވި މޫސަ އިސްތިއުފާދެއްވާފައިވަނީ މަގާމުގެ މުއްދަތު ހަމަވިތާ ހަތަރު މަސް ފަހުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު 2024 ވަނަ އަހަރުގެ މާރިޗް 11 ވަނަ ދުވަހަށް ހަމަވެ، އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި އަހަރަކަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާތީ 30 އޭޕްރީލް 2025 ގައި ކުޅިވަރު ވުޒާރާއިން ވަނީ އެ އެސޯސިއޭޝަނުގެ ޤައުމީ ހައިސިއްޔަތު އުވާލާފައެވެ.

ބެޑްމިންޓަނަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފަދަ ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއިން ރަންމެޑަލް ހޯދާ އޮލިމްޕިކްސްގައިވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ކުޅިވަރެކެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިފައި އޮތުމަކީ ބެޑްމިންޓަން ކޮމިއުނިޓީގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.