ޚަބަރު

ޕްލާސްޓިކުގެ ނުރައްކަލުން މޫދާއި ކަނޑު ހިމާޔަތްކުރާނީ އަހަރެމެން - މޫދު މަދަރުސާގެ ދަރިވަރުން


މިއަހަރު ހިންގި މޫދު މަދަރުސާ ޕްރޮގްރާމުން ތިމާވެއްޓާ ގުޅޭ އައު މަޢުލޫމާތުތަކެއްލިބި ތިމާވެއްޓަށް ވަރަށްބޮޑަށް ހޭލުންތެރި ވެގެންދިޔަކަމަށް އެ ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުން ބުނެފިއެވެ.

މޫދުމަދަރުސާ ޕްރޮގްރާމަކީ ބ.އަތޮޅުގެ ސުކޫލްތަކަށް އަމާޒުކޮށްގެން ބ.އަތޮޅު ބަޔޯސްފިއަރ ރިސާވް އާ ފޯސީޒަން ލަނޑާ ގިރާވަރު އަދި މަންޓާގެ ދިރާސާތައް ކުރާ އިނގިރޭސި ވިލާތުގެ ޖަމްއިއްޔާއެއްކަމަށްވާ މަންޓާ ޓްރަސްޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ. މިހަރަކާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި، މަންޓާ ޓްރަސްޓުގެ އެމްއެމްޕީއާރު އެޑިއުކޭޝަން އެންޑް އައުޓްރީޗް އޮފިސަރ ބުނީ އެ ޖަމްޢިއްޔާއިން މިއަހަރު ހިންގި ހަރަކާތުގައި މުހިންމު ދައުރެއް ދަރިވަރުން އަދާކޮށްދިން ކަމަށާ، އަމާޒަކީ މެދުނުކެނޑި މިޕްރޮގާރްމް ބ.އަތޮޅާ މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުންކަމަށެވެ.

ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަަސަރުތަކާއި، ކަނޑު ފަޅުގެ މުއްސަނދިކަމާ، ކަނޑުފަޅު ހިމާޔަތްކުރުމުގެ ބޭނުމާ ނުރައްކާތެރި ހާލަތެއް ދިމާވެއްޖެނަމަ ރެސްކިއު ކުރާނެގޮތް މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ. ހަތަރު މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް މިއަހަރު ކުރިއަށްގެންދިޔައީ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. މިއީ ޕްރޮގްރާމް ހިންގާ 4 ވަނަ އަހަރެވެ.

އެންމެ ފުރަތަމަ މި ޕްރޮގްރާމް ހިންގީ ބ.ކެންދޫ ސްކޫލްގެ ދަރިވަރުންނަށެވެ. އެއަށްފަހު ކަމަދޫ ސުކޫލާއި ދަރަވަންދޫ ސުކޫލްގެ ދަރިވަރުނަށްވެސް މިޕްރޮގްރާމް ވަނީ ހިންގާފައެވެ. މީގެ އިތުރުން މާލެ އަތޮޅު ދިއްފުށީ ސްކޫލް ދަރިވަރުންނަށްވެސް މި ޕްރޮގްރާމް މިއަހަރު ވަނީ ހިންގާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުން ވަނީ ބ.އަތޮޅުގައި ހިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަނުގެ ތެރެއިން ހަނިފަރުބޭ އާއި އޮޅަގިރިއަށްގޮސް އެތަންތަން ހިމާޔަތްކޮށް ބެލެހެއްޓުމުގެ ބޭނުމާއި، އެތަންތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހޯދާފައެވެ.

"ބ.އަތޮޅުގައި ހިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަނަށް ދިޔައިން އަދި ތަޖުރިބާވެސް ކުރިން، ރާއްޖޭގެ ކަނޑުގެ މުއްސަދިކަން ހިމާޔަތްކޮށް ބަލަހައްޓާނީ އަހަރެމެން، ޕްލާސްޓިކް އެއީ ވަރަށް ނުރައްކާ އެއްޗެއް މޫދައް އެޅުމުން ގެންލުން ވަނީ ހަމަ އަހަރެމެންނަށް، އަދި ކިރިޔާ މިއެނގުނީ ޕްލާސްޓިކް އެއީ ނުރައްކާ އެއްޗެއްކަން" ޕްރޮގްރާމްގެ ބައިވެރިންބުންޏެވެ.

ރާއްޖޭގައި އަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމް އިތުރު 5 ސަރަހައްދެއްގައި އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން ދާކަމަށް މަންޓާ ޓްރަސްޓްއިން ބުނެއެވެ. މިއަހަރު 58 ދަރިވަރުންވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.