ޚަބަރު

ޖަޕާން ސަރުކާރުން އެންޑީއެމްއޭއަށް އަލިފާން ނިއްވާ ވެހިކަލްއެއް ހަދިޔާކޮށްފި


ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަލިފާން ނިއްވާ ވެހިކަލެއް، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއަށް ހަދިޔާކޮށްފިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ޖަޕާންގެ ގްރާންޓު އެސިސްޓެންސް ފޯ ގްރާސް ރޫޓު ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)ގެ ދަށުން ހަދިޔާކުރި މި އަލިފާން ނިއްވާ ވެހިކަލް ކަސްޓަމްސް ކްލިއަރެންސް ނިންމާ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއަށް ރަސްމީކޮށް ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

އެންޑީއެމްއޭއިން ކޮށްފައިވާ ޓުއީޓް

މިދިޔައަހަރުގެ ތެރޭގައި ޖަޕާނުންވަނީ 24 ވެހިކަލާއި 5 ލޯންޗުވެސް އެމްއެންޑީއެފަށް ހަދިޔާކޮށްފައެވެ. އެމްއެންޑީއެފުން ވަނީ މި ވެހިކަލްތައް ރާއްޖޭގެ 14 ފަޔަރސްޓޭޝަނަކަށް ފޯރުކޮށްދީފައެވެ. މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށީގެ އިތުރުން އަލިފާން ނިއްވާ އުޅަނދުތައް ފޮނުވާ ރަށްތަކަކީ، ހދ.ކުޅުދުއްފުށި، ޅ.ނައިފަރ، އދ.މާމިނގިލި، ފ.ނިލަންދޫ، ދ.ކުޑަހުވަދޫ، ލ.ކައްދޫ، ގދ.ތިނަދޫ، ޏ.ފުވައްމުލައް، ސ.ހިތަދޫ އަދި ސ.ހުޅުމީދޫއެވެ. މި ވެހިކަލްތަކުގެތެރޭގައި 1500 ލީޓަރުގެ ފެން އުފުލޭ އުޅަނދުތަކާއި، 200 ލީޓަރުގެ ފޯމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރުގެ ފެން އުފުލޭ އުޅަނދުތައް ހިމެނެއެވެ.

ޖަޕާން ސަރުކާރުން ހަދިޔާކުރި މި ވެހިކަލްތަކުގެ ސަބަބުން އަލިފާނުގެ ހާދިސާތަކުގައި ފަޔަރމަނުން ކުރާ މަސައްކަތުގައި ބޭނުންކުރާނެ ވަސީލަތްތައް އިތުރުވެ އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.