ޅ. ނައިފަރުގައި 100 ހައުސިންގ ޔުނިޓް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އަލުން އިޢުލާންކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢަކީ ޑިޒައިން އެންޑް ބިލްޓް އުޞޫލުން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއެއްކަމަށާއި، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު، މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަންނަމަހުގެ 4ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެެއްލައްކަ ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާއިން ހުހަށަޅަންޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު"ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށާ، ބީލަން ހުޅުވުން އޮންނާނީ އަންނަމަހުގެ 5ވަނަ ދުވަހުކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މިއީ ނައިފަރުގައި 100 ހައުސިންގ ޔުނިޓް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަހަރު އިޢުލާންކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މިމަޝްރޫޢަށް ކޮންޓްރެކްޓަރަކު ހޯދުމަށް އިޢުލާންކޮށްފައިވަނީ މާރިޗުމަހުގެ 17ވަނަ ދުވަހުއެވެ. އަދި ޅ. ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށް "ޑަބްލިއު އެންޑް އޭ އޯވަސީސް" ނަމަކަށްކިޔާ ކުންފުންޏަކާ ޖުލައިމަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އެ މަޝްރޫޢު ކުރިއަށް ނުގެންދެވޭނެކަމަށް ހައުންސިންގ މިނިސްޓްރީއަށް ބަންޑާރަ ނައިބު އެންގެވުމާގުޅިގެން އެ މަޝްރޫޢު އޮތީ ހުއްޓިފައެވެ.
ނައިފަރުގައި 100 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢަށް 42.8 މިލިއަން ރުފިޔާ އަންނައަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. 5000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެއުމުގެ ގޮތުން 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އިތުރުން، އިތުރު 52 ހެކްޓަރުގެ ބިން ހިއްކަވާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.