ޚަބަރު

ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ މާހައުލެއް ޤާއިމްކުރުން މުޙިއްމު - އިމްރާން


ފުލުހުންގެ މުއައްސަޞާ ހަރުދަނާކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ މާހައުލެއް ޤާއިމްކުރުން މުޙިއްމުކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ހއ. ހޯރަފުށީގައި ޤާއިމްކުރި ޕޮލިސް ސްޓޭޝަންގެ އައު ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހއ.ހޯރަފުށީގައި ޤާއިމްކުރި ޕޮލިސް ސްޓޭޝަންގެ އައު ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ކުރީގައި އަޅުގަނޑުމެންގެ ތެރޭގައި ނެތް އެތައް އާދަތަކާއި ކުށްތަކެއް މިހާރު އަށަގެންފައިވާކަމަށެވެ. އެކަންކަމާ ކުރިމަތިލާ އެކަންކަމަށް ހައްލު ގެނައުމުގައި ފުލުހުން ކުރަމުން އަންނަ ތަޖުރިބާތަކުގައި ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރަންޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކުރަން ޤަސްޠުކުރާ ކަމަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގައި ފުލުހުންނަށް ދެވޭ ވަޞީލަތްތަކާއި، ފުލުހުންނަށް އެއްބާރުލުން ދިނުމާއެކުގައި ފުލުހުންނާ ރައްޔިތުންނާ އެކުގައި މަސައްކަތްކުރުމުގެ މާހައުލެއް ޤާއިމްކުރުމުގެ މަސައްކަތްކަމަށެވެ.

" ފުލުހުންގެ މަސައްކަތް ހަރުދަނާވެ ކުރިއަރާދާނީ ފުލުހުންނާ ރައްޔިތުންނާ އެކުގައި މަސައްކަތްކުރެވުނު ވަރަކަށް. ފުލުހުންނަށްޓަކައި ރައްޔިތުން އަތުގުޅާލި މިންވަރަކަށް. އަދި ފުލުހުން ރައްޔިތުންނާ ގާތްވި މިންވަރަކަށް. ރަށުގެ އަމާންކަމާއި ޤައުމުގެ އަމާންކަން ބެލެހެއްޓިގެންދާނީ ފުލުހުންނާ ރައްޔިތުންނާ އެކުގައި ރާއްޖޭގެ ޞުލުހަވެރިކަމާ އަމާންކަމަށް މަސައްކަތްކުރި މިންވަރަކަށް. އެހެންކަމުން މިއަދު އަޅުގަނޑު ތިޔަހުރިހާ ބޭފުޅުންނަށް އިލްޠިމާސްކުރަން އޮތީ ރަށުގެ އަމާންކަމާއި ޞުލުހަވެރިކަން ޤާއިމްކުރުމަކީ ހަމައެކަނި ފުލުހުންގެ ޒިންމާއެއްކަމުގައި ނަހައްދަވާށޭ. އެޒިންމާއަކީ ފުލުހުންނާއި، ކައުންސިލާ ރަށުގެ އެހެން މުއައްސަޞާތަކާ، ރަށުގެ ހުރިހާ ރައްޔިތުންގެ ގުޅިގެން އަދާކުރާ ޒިންމާއެއްކަމުގައި ހަދަމާ ހިނގާށޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޖުތަމައުއަށް ބޭނުންވާ އެންމެ މުޙިއްމު އެއްބަހާއަކީ އެމުޖުތަމައެއްގެ ސުލުހަވެރިކަމާއި އަމާންކަމާ ރައްކާތެރިކަންކަމަށެވެ. އެގޮތުން ކޮންމެ މުޖުތަމައުއެއް ދެމިއޮވެ، އެމުޖުތަމައުއެއް ކުރިއަރާ ދިއުމަށްޓަކައި ލިބެންޖެހޭ ތަނަވަސްކަމާ އުފާފާގަތިކަމުގެ އަޞްލަކީ އަމާންކަންކަމާއި ރައްކާތެރިކަންކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި، އަޅުގަނޑުމެންގެ މުސްތަޤުބަލަށްޓަކައި އަޅުގަނޑުމެން އޭގެ މައްޗަށް އަޅުގަނޑުމެންގެ މުޖުތަމައު ބިނާކުރަންޖެހޭ ކަންތައް. އަޅުގަނޑުމެން ކުރިއަރާ ދިއުމަށްޓަކައި އަޅުގަނޑުމެން ބޭނުންވޭ މިނިވަން ސަލާމަތް، ރައްކާތެރި އަމާން މުޖުތަމައުއެއް. އެއާއެކުގައި އޭގެ މައްޗަށް ބިނާވެގެން އަންނަނީ އަޅުގަނޑުމެންގެ ތަނަވަސްކަމާއި ރިޒްޤާއި، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އުފާވެރިކަމާއި ފާގަތިކަން. މިދެބައި އެކުވެގެން އައީމަ އެއީ ހިތްހަމަޖެހޭ އުފަލާއެކުގައި ދިރިއުޅެވޭ މުޖުތަމައުއަކަށް ވެގެންދާނީ" މިނިސްޓަރ ވިދާޅުވިއެވެ.

ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުއްވައްދެއްވީ މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު އިމާރާތުގައި ޤައުމީ ދިދައާއި ފުލުހުންގެ މުއައްސަސާގެ ދިދަ ދެބޭފުޅުން ނަންގަވައިދެއްވިއެވެ.