ޚަބަރު

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 2 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރަނީ


އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެ ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

25 ޓަނުގެ މި ދެ އައިސްޕްލާންޓް ޤާއިމުކުރުމަށް ހަަމަޖެހިފައިވަނީ ކ. ގާފަރާއި ރ. މަޑުއްވަރީގައެވެ.

މި އައިސްޕްލާންޓްތަކަކީ، ދިވެހިރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ބޭނުންވާ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްތަކުގެ ތެރޭގައި ހިމެނޭ އައިސް ޕްލާންޓްތަކެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ބީލަމުގެ އުސޫލުން ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރެވުނު މިޕްރޮޖެކްޓްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިޢާއެވެ. ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޒުބައިރުއެވެ.

މިޕްރޮޖެކްޓް ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
7.99 މިލިއަން ރުފިޔާގެ މިޕްރޮޖެކްޓް ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، ޚާއްސަކޮށް މި އައިސްޕްލާންޓްތަށް ޤާއިމުކުރެވޭ އަތޮޅުތަކުގެ މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމުގައި ފިޝަރީޒްސް މިނިސްޓްރީއިން ފާހަގަކުރައްވައެވެ.

މީގެ މަހެއްހާ ދުވަސްކުރިން އުތުރުގެ މަސްވެރިކަން ރަނގަޅުވެ ގިނަ ދޯނިތަކަކުން މަސް ކިރުމަށް ޅ.ފެލިވަރަށްދާއިރު ފެލިވަރުގެ ކެޕޭސިޓީ ނެތުމުގެ ސަބަބުން އެތައް ޓަނެއްގެ މަސް ކުނިވެ އުކާލަންޖެހުމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި މަސްވެރިންގެ ގިނަ ޝަކުވާތަކެއް ވަނީ އަމާޒުވެފައެވެ.