ޚަބަރު

ހިތަދޫ ފްލެޓްތަކަށް މިއަދު ކަރަންޓް ދޫކުރާނެ : ފެނަކަ


އައްޑޫސިޓީ ހިތަދޫގައި އަޅާފައިވާ 264 ފްލެޓަށް ކަރަންޓް ދޫކުރުމުގެ މައިގަނޑު މަސައްކަތް މިއަދު ނިމޭނެއެވެ.

އަދި މިފްލެޓްތަކަށް މީހުން ވަނުމަށް މިހާރު ކުރެވެމުން ދަނީ، އެންމެ ފަހުގެ ކުދި މަރާމާތުތަކާއި ފްލެޓްތަކަށް ކަރަންޓު ގުޅާލުމުގެ މަސައްކަތްތަކެވެ. ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ގޮފިން ޕީއެސްއެމް އަށް މަޢުލޫމާތު ދެމުން ބުނީ، ފްލެޓްތަކަށް މީހުން ވަންނަން ބޭނުންވާ ކަރަންޓް ދިނުމުގެ މައިގަނޑު މަސައްކަތްތަށް ނިމުމަކަށް އައިސް ފައިވާ ކަމަށެވެ. އައްޑޫސިޓީ ހިތަދޫގައި އަޅާފައިވާ ފްލެޓްތައް ލިބޭ ފަރާތްތައް މިހާރުވަނީ ކަނަޑައަޅާފައެވެ.

މިފްލެޓްތަކަށް ކަރަންޓް ދިނުމަށް ޓްރާންސްފޯމަރ ހައުސްއެއް ބިނާކޮށް އަދި މިޓްރާންސްފޯމަރތައް ފެނަކައިގެ މައި ޑިސްޓްރިބިއުޝަން ނެޓްވޯކާއި ގުޅާލުމުގެ މަސައްކަތް މިއަދު ކުރިއަށްދާނެ ކަމަށާއި، މިމަސައްކަތް ނިމުމާއެކު ދެން އެފަރާތުން ކުރަން ޖެހޭނީ ވަކިވަކި ފްލެޓްތަކަށް ކަރަންޓް ދޫ ކުރަން ޖެހޭ ކުދި ކުދި މަސައްކަތް ކަމަށެވެ.

ފެނަކަ އައްޑޫ މަރުކަޒުން ބުނީ މިމަސައްކަތް ކުރިއަށްދާ ވަގުތު ހިތަދޫގެ އެކި ސަރަޙައްދު ތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ލޯޯޑް ބޮޑުވާ ގަޑިތަކުގައި ގަޑިއެއްހާއިރަށް ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިގެންދާނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ. އަދި އެގަޑިތަކުގައި ވީހާމަދުން ކަރަންޓް ބޭނުން ކުރުމަށާއި، ރައްޔިތުން މިކަމަށް ސަމާލުވުމަށް އެކޯޕަރޭޝަނުން އެދެއެވެ.

އައްޑޫގެ ފްލެޓްތަކަށް ކަރަންޓު ދޫކުރުމުގެ މަސައްކަތް ނިމުމާއެކު ފްލެޓް ސަރަހައްދު ލޭންޑްސްކޭޕިންގް މަސައްކަތެފަށަން ވަނީ ތައްޔާރު ކޮށްފައެވެ.ހިތަދޫގައި އިމާރާތް ކޮށްފައިވާ 264 ފްލެޓްތަކުގެ ތެރެއިން 230 ފްލެޓް ވަނީ އެކި އެކި ފަރާތްތަކާއި ޙަވާލު ކޮށްފައެވެ. ބާކީ ހުރި 34 ފްލެޓަކީ ވިޔަފާރި އުސޫލުން ވިއްކުމަށް ކަނޑައެޅިފައިވާ ފްލެޓްތަކެކެވެ.