ޚަބަރު

އައްޑޫ ޕޮލިސް އެކަޑަމީ އަންނަ އަހަރު މިނިވަން ދުވަހު ހުޅުވަނީ


އައްޑޫސިޓީގައި ޢިމާރާތް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް ނިންމައި އަންނަ އަހަރު، އެތަން ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއަށް 18 މިލިއަން ޑޮލަރު އިންޑިއާ އިން ހޭދަކުރާ ކަމަށް ފުލުހުން ވަނީ ކުރިން ހާމަ ކޮށްފައެވެ. މިތަން ޢިމާރާތް ކުރަނީ އެކޮމަޑޭޝަން ބްލޮކަކާއެކު އެންމެ ޒަމާނިފެންވަރުގެ ތަަމްރީނު ހިންގޭ ފެންވަރަށެވެ. މިއެކަޑަމީ އިމާރާތް ކުރަނީ ހިތަދޫ ސަރަޙައްދީ ބަނދަރު އޮންނަ ސަރަޙައްދުގައެވެ.

އައްޑޫސިޓީގައި ނޫސްވެރިންނަށް މަޢުލޫމަތު ދެއްވަމުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، އެންމެ ފަހުން އެއްކުރެވުނު މައުލޫމާތަށް ބަލާއިރު ފުލުހުންގެ ޓްރެއިނިން އެކަޑަމީގެ މަސައްކަތް ރަސްމީކޮށް ނިންމާލައި އަންނަ ޖުލައި 26 އަށް ހުޅުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

" އެންމެ ފަހުން އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތަކީ، މިއަންނަ އަހަރު ޖުލައި 26. އެކަޑަމީ ހުޅުވާ ތާރީޙް އެހާ ހިސާބަށް އައްޑޫގައި ޤާއިމު ކުރާ ފުލުހުންގެ މަރުކަޒު އިފްތިތާޙް ކުރެވޭތޯ މިބަލަނީ. އެހައި ތަނަށް ކޮންސްޓްރަކްޝަން މަސައްކަތް ނިންމާލާ ރަސްމީކޮށް އެތަން ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަނީ " ސީޕީ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވި ގޮތުގައި، ދިވެހި ފުލުހުން މިހާތަނަށް ތަމްރީނުތައް ފުރިހަމަ ކުރަމުން އައީ އެންމެ ފުރިހަމަ ވަސީލަތްތަކާއި އެކު ނޫން ކަމަށާއި، ނަމަވެސް މިތަން ނިމުމުން ފުލުހުންގެ ބޮޑެތި މައިގަނޑު ޓްރެއިނިން ތަކާއި، އެކު އެހެން ގައުމު ތަކުގެ ފުލުހުންނާއި ގުޅިގެން ހިންގޭ ތަމްރީނުތައް ވެސް މިއެކަޑަމީގައި ކުރިއަށް ދާނެ ކަމަށެވެ.

ޙަމީދު ވިދާޅުވީ، މިތަނާ ގުޅޭ ގޮތުން ސިޔާސީ ގޮތުން އެކި ވާހަކަތައް ފެތުރޭ ކަމަށާ މިގޮތުން އިންޑިޔާގެ ބެލުމުގެ ދަށަށް މިތަން ހިނގައިދާނެކަމަށް ދެކެވޭ ވާހަކަ އަކީ ހަޤީޤަތެއް ނޫން ކަމަށްވިދާޅުވިއެވެ. އަދި އެމަރުޒަކީ ދިވެހިންގެ ފުރިހަމަ ބެލުމުގެ ދަށުގައި އޮންނާނެ ތަނެއްކަމަށްވެސް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވިއެވެ،

އަދި މިތަނުގެ ފައިދާ ހަމައެކަނި ކުރާނީ ދިވެހި ފުލުހުންނަށް އެކަނި ނޫން ކަމަށާއި އައްޑޫގެ ރައްޔިތުންނަށް ވެސް މިތަން ބޭނުން ކުރެވޭނެ އުޞޫލެއް އިންތިޒާމު ހަމަޖެއްސަން މަސައްކަތްކުރާކަންވެސް ޕޮލިސް ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.

" މިތަނަކީ ފުލުހުން އެކްސްކްލޫސިވް ކޮށް އޮންނަތަނެއް ނޫން މީކީ. އެފެސިލިޓީ ބަލަހައްޓާ "އޯން" ކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން. ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެންގެ މިހެން ހުންނަ ފެިސިލިޓީސް ތަކަކީވެސް ރައްޔިތުންނަށް ހަމަޖެހިފައިވާ އިންތިޒާމު ތަކެއްގެ ތެރެއިން ބޭނުން ކުރެވޭ ތަންތަނަށް ވެގެން ދިއުން." ސީޕީ ވިދާޅުވިއެވެ.

މި އެކަޑަމީގެ މަސައްކަތް މީގެ 9 އަހަރު ކުރިން ފެށި ނަމަވެސް އެކި އެކި ސަބަބު ތަކާ ހުރެ މަސައްކަތް ނިންމަން ދުވަސްތަކެއް ހޭދަވެފައިވާކަން މުޙައްމަދު ޙަމީދު ފާހަގަ ކުރެއްވިއެވެ. ސީޕީ ވިދާޅުވީ މިތަން ވެގެންދާނީ ދިވެހި ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ޓްރެއިނިން ފެސިލިޓީ އަކަށެވެ.