ޚަބަރު

ހިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަނުން މިސާލެއްގޮތުގައި ބ.އަތޮޅު ނަގަންޖެހޭ. އީޕީއޭ


ރާއްޖޭގައި ފުރަތަމަ ފަހަރައް މެނޭޖްމަންޓް ޕްލޭނެއް ހެދިގެން ބެލެހެއްޓުމުގެ މަސައްކަތް ފެށުނީ ބ.އަތޮޅުގައި ކަމަށާ، މިއަދު ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުން މިސާލެއް ގޮތުގައި ނަގަން ޖެހޭކަމަށް އެންވަޔަރުމަންޓް ޕްރޮޓަކްޝަން އެޖެންސީ (އީ.ޕީ.އޭ)އިން ބުނެފިއެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓަމުންގެންދަވާ ފަރާތްތަކަށް އަމާޒުކޮށްގެން ބ.އޭދަފުށީގައި ކުރިއަށްގެންދާ ފޯރަމްގައި ވާހަކަދައްކަމުން އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރ އައިޝަތު ފަރުހަތު އަލީ ވިދާޅުވީ ރާއްޖޭގައި މިކަންފުރަތަމަ ފެށުނު އަތޮޅަކީ ބ.އަތޮޅުކަމަށާ، ބ.އަތޮޅު ޔުނެސްކޯ ބަޔޯސްފިއަރ ރިސާވް އަތޮޅެއްގޮތުގައި އޮތީ އަތޮޅުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށްވާތީކަމަށެވެ.

މަސައްކަތުގެ ތަޖުރިބާ ހިމާޔަތްކޮށްފައި ހުރި ސަރަހައްހަދުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިއްސާ ކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި ބައްދަލުވުމުގައި، ބ.އަތޮޅުގައި ޙިމާޔަތްކޮށް ބަލަހައްޓަމުންދާ ސަރަހައްދުތައް ބަލާލުމާ އެތަންތަން ބެލެހެއްޓުމުގައި ބ.އަތޮޅު ބަޔޯސްފިއަރ ރިޒާރވްއިން ކުރަމުން ގެންދާ މަސައްކަތް ބަލާލުން ހިމެނެވެއެވެ.
އަދި ބ.އަތޮޅުގައި ތިމާވެއްޓައް މީހުން ހޭލުންތެރިކުރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާ، ރިސޯޓްތަކުގައި ކުރާ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ބަލާލުން ހިމެނެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި ހިމާޔަތްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާ 4 އަތޮޅެއްގެ މުވައްޒަފުން ބައިވެރިވެއެވެ. މިއީ މިގޮތައް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ. އަންނަ އަހަރުވެސް މި ބައްދަލުވުން ރާއްޖޭގެ ކޮންމެވެސް އެއްހިސާބެއްގައި ބާއްވާނެކަމަށް އިޕީއޭއިން ބުނެއެވެ.

މިހާރު ރާއްޖޭގައި 61 ސަރަޙައްދެއް ޙިމާޔަތްކޮށްފައި އެބައޮތެވެ. އެކަމަކު މެނޭޖްމަންޓް ޕްލޭނެއް ހެދިގެން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓެމުން ދަނީ 8 ސަރަހައްދެކެވެ. އެއީ ބ.އަތޮޅުގެ ހަތަރު ސަރަހައްދާ އައްޑޫ ނޭޗަރ ޕާކް، ފުވައްމުލަކު ނޭޗަރ ޕާކް، އަދި ސައުތުއަރި މެރިން ޕާކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މެނޭޖްމަންޓް ޕްލޭނެއްހެދިގެން ބަލަހައްޓަމުން ގެންދިޔައި ބ.އަތޮޅު ހަނިފަރުބޭއެވެ.