ޔަހޫދީންގެ ޢުދޫވާންތަކާއި އެމެރިކާގެ ވަޢުދުތައް ނުފުއްދުމުގެ ސަބަބުން ފަލަސްޠީނުގެ މަޖިލިސް އިންތިޚާބު 2027 އަށް ފަސްކުރަން ނިންމައިފިއެވެ.
ފަލަސްޠީނުގެ ސަރަޙައްދުތަކުގައި ސަލާމަތީ، ސިޔާސީ އަދި އިޤްތިޞާދީ ޙާލަތު އިންތިހާއަށް ގޯސްވަމުންދާތީ، އަންނަ ނޮވެމްބަރު 28 އަށް ތާވަލުކޮށްފައިވާ މަޖިލިސް އިންތިޚާބު ފަސްކުރަން ނިންމާފައިވާކަން ފަލަސްޠީނުގެ ނައިބު ރައީސް ޙުސައިން އަލްޝައިޚް ފަރަންސޭސިވިލާތަށް އަންގަވައިފިއެވެ. ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޜީން-ނޮއެލް ބާރޯއަށް ފޮނުއްވި ސިޓީއެއްގައި އަލްޝައިޚް ބަޔާންކުރައްވާފައިވަނީ، މިހާރު އޮތް ޙާލަތުގެ ސަބަބުން މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އިންތިޚާބު 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ކޮޅަށް ފަސްކުރުމަށް ރައީސް މަޙްމޫދު ޢައްބާސަށް ލަފާދެއްވާފައިވާ ކަމަށެވެ.
މި އިންތިޚާބު ފަސްކުރަންޖެހުނު މައިގަނޑު ސަބަބެއްގެ ގޮތުގައި ފަލަސްޠީނުން ފާހަގަކޮށްފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސުލްޙައިގެ މަޝްރޫޢާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުގެ ދަށުން ވެފައިވާ ވަޢުދުތައް އެމެރިކާއިން ފުއްދައިދީފައި ނުވުމެވެ. މީގެ ތެރޭގައި ޣައްޒާއިން ޔަހޫދީ ސިފައިން ފޭބުމާއި، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްއިން އިތުރު ބިންތައް ފޭރުމާއި ހައްދުފަނައެޅި ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަން ހުއްޓުވުމަށް އެމެރިކާއިން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވުން ހިމެނެއެވެ. އަދި ޔަހޫދީ ދައުލަތުން ޣައިރުޤާނޫނީ ގޮތެއްގައި ހިފަހައްޓާފައިވާ ފަލަސްޠީނުގެ ކަރަންޓީނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރު ދޫކުރުމަށް ކުރި މަސައްކަތްތައްވެސް ވަނީ ނާކާމިޔާބުވެފައެވެ.
މީގެ އިތުރުން، ޣައްޒާއަށް ވޯޓު ފޮށްޓާއި، ވޯޓު ކަރުދާހާއި، އިދާރީ ސާމާނު އެތެރެކުރުމަށް ޔަހޫދީ އިސްތިއުމާރީ ބާރުތަކުން ހުރަސްއަޅަމުންދާތީ ވޯޓުލުން ކުރިއަށްގެންދިއުމަކީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ފަލަސްޠީނުގެ މަސްއޫލުވެރިން ސިފަކުރައްވައެވެ. އަދި، ބައެއް ޖަމާޢަތްތަކުގެ މަސްއޫލުވެރިން ވަނީ އިންތިޚާބަކަށް ދިޔުމުގެ ކުރިން ޙަމާސްއާއެކު ސިޔާސީ އެއްބަސްވުމަކަށް އައުމަށް ގޮވާލައްވާފައެވެ. ފަލަސްޠީނުގައި 2005-2006 ގެ ފަހުން ރިޔާސީ ނުވަތަ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބެއް ބޭއްވިފައެއް ނުވެއެވެ.
ފަރަންސޭސިވިލާތުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމާއެކު، އިންތިޚާބު ބޭއްވުމަކީ ފަލަސްޠީނު ސަރުކާރުގެ ސައްޙަކަން ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ. ފްރާންސުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޕާސްކަލް ކޮންފާވްރޫ ވިދާޅުވީ، އިންތިޚާބު ބޭއްވުމަކީ ދެ ދައުލަތުގެ ޙައްލު ދެމެހެއްޓުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް މަސައްކަތްކުރުމަށް އިތުރު ސައްޙަކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް ޔަހޫދީންގެ އަނިޔާވެރި ފިޔަވަޅުތަކާއި ހުޅަނގުގެ އިހުމާލުގެ ސަބަބުން ފަލަސްޠީނުގެ ސިޔާސީ ނިޒާމު އާރާސްތުކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.