ޚަބަރު

ފޯނުގެ ބަދަލުގައި ފޮތްތަކަށް އަހުލުވެރިވުމަށް ޕްރޮފެސަރ އުގައިލް ގޮވާލައްވައިފި



ފޯނު ބޭނުން ކުރުމުގެ ބަދަލުގައި ފޮތްތަކަށް އަހުލުވެރިވާން ޖެހޭ ކަމަށް ޕްރޮފެސަރ އުގައިލް ވިދާޅުވެއްޖެ

ޕްރޮފެސަރ އުގައިލް މިހެން ވިދާޅުވީ ގއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވިލިނގިއްޔަށް ވަޑައިގެން، ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން. ޕްރޮފެސަރގެ ހަޔާތުން މިސާލު ނަންގަވަމުން ދަރިވަރުންނަށް ނަސޭޙަތް ދެއްވަމުން ވިދާޅުވީ ކުޑައިރު ކިޔެވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އަދި އެހައިމެ ގިނަ ގޮންޖެހުންތަކާވެސް ކުރިމަތިލާން ޖެހުނު ކަމަށް. ނަމަވެސް ކާމިޔާބީ އަކީ ބުރަ މަސައްކަތުން ލިބޭ އެއްޗެއް ކަން އުގައިލް ފާހަގަކުރެއްވި

"ސ. ހިތަދޫގަ އަޅުގަނޑު ހަނދާން އެބަހުރި ނޫރާނީ ސްކޫލުން އަޅުގަނޑަށް ޖާގަ ލިބިގެން ޔުނިފޯމް ހޯދަން އަޅުގަނޑުގެ މަންމަ އަތަކު ނެތް ބައްޕަ އަތަކު ނެތް ބޫޓެއް ގަންނާނެ ފައިސާއެއް. ފައިސާ ނެތިގެން އަޅުގަނޑު ގޭތެރެ ހާވަމުން ދަނިކޮށް އަޅުގަނޑަށް ފެނުނީ ކަޅު ކުލައިގެން ބޫޓެއް. ބޭނުން ވަނީ ހުދު ބޫޓެއް. ދެން އަޅުގަނޑަށް ފެނުނީ ކައިރީގަ ހުރި ދަވާދު ހުދު ދަވާދު ދަޅެއް. ހުދު ދަވާދު ދަޅުން ބޫޓުގަ ކުލަ ޖައްސައިގެން އަޅުގަނޑު އެއް އަހަރު ދުވަސްވަންދެން ސްކޫލަށް ދިޔައިން،" ޕްރޮފެސަރ ވިދާޅުވިއެވެ.

ގައިލް ވިދާޅުވީ ކުޑައިރު އޭނާގެ ގޭގައި ވަރަށް ފުރިހަމަ ކުތުބުޚާނާއެއް ހުރި ކަމަށެވެ. އަދި އޭގައި ހުރި ފޮތްތައް ވެގެން ދިޔައީ ރައްޓެހި ތަކެތީގެ ގޮތުގައި ކަމަށާއި މިއަދު ތައުލީމީ ދާއިރާގެ އެންމެ ފުންނާބު އުސް ހަރުފަތް ކަމަށްވާ ޕްރޮފެސަރެއްގެ ލަޤަބު ލިބިވަޑައިގަތީ އެ ފޮތްތަކުގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށް .

ޕްރޮފެސަރ ވިދާޅުވީ ދުނިޔޭގެ ދިރިއުޅުމުގައި ބޮޑެތި ޙާދިސާތަކާ ކުރިމަތި ލާން ޖެހޭ ކަމަށާއި އެކަންކަމުން އަރައިގަންނަން މަސައްކަތްކޮށް ދަސްކުރަން ޖެހޭނެ ކަމަށް.
ޕްރޮފެސަރ އުޤައިލު ވަނީ ގއ އަތޮޅު ދާންދޫއާއި ނިލަންދޫއަށް ވަޑައިގެން އެ ދެ ރަށުގެ ސްކޫލާއި ކައުންސިލްތަކާ ބައްދަލުކުރެއްވައި އެކި އެކި ކަންކަމުގައި މަޝްވަރާ ހޯއްދަވާފައި.