ޚަބަރު

ދާޖަހައިގެން އޭދަފުށީ ފަޅުން މުށި މަސް ހިފާތީ އެރަށު ރައްޔިތުން ނުރުހިފައި


އޭދަފުށީ މުށިމަސް ބޭނުން މުޅިރާއްޖެއަށް މަޝްހޫރުވެފައިވަނީ ސަބަބައެއް ނެތިއެއް ނޫނެވެ. އެތަކެއް އަހަރުތަކެއް ފަހުން އޭދަފުށީ ފަޅު ތެރެއަށް މުށިމަސް އައިނު ގަނޑެއް ވަނުމުން ކުދި ބޮޑު އެންމެންވެސް ހިނިތުންވުމާއެކު އަރުވައި ޖަހައިގަތީ މިމަސްތައް ހިފުމަށެވެ. މިރަށު މީހުން ދޮށިން މަސް ބޭނުން މާޒީގެ ތެރެއަށް ދޫކޮށްލުމަށްފަހު ދާހިފައިގެން މަސް ތަކާ ކުރިމަތި ލިއެވެ. ދާޖަހައިގެން މުށިމަސް ހިފުން އޭދަފުށީގައި މިވަނީ މިހާރު އާންމުކަމަކަށް ހަދާފައެވެ.

މަސްވެރިކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ އޭދަފުށީ މީހުން ހަވީރު ފޫހި ފިލުވުމަށް މުށިމަސް ބާނާތާ މިހާރު ދުވަސްތަކެއް ވެޖެއެވެ. އިއްޔެ އެކަނި ވެސް 38 ގޯނީގެ މުށިމަސް އެރަށު ފަޅު ތެރެއިން ވަނީ ހިފާފަ އެވެ.
އޭދަފުށީ ފަޅު ތެރެގައި އޮތް މުށިމަސް ގަނޑަށް ޝަޢުޤުވެރި ވަނީ އެރަށު މީހުން އެކަންޏެއް ނޫނެވެ. މާލެއާއި، އެހެނިހެން ރަށްރަށުގެ މީހުންވެސް މިކަމަށް ޝައުޤުވެރިވެ، މިދުވަސްކޮޅު އެރަށަށް ޒިޔާރަތް ކުރަމުން ދެއެވެ. އަދި މިކަމަކީ އެރަށުގެ ބައެއް ރައްޔިތުންނަށް އިތުރު ހިތް ހަމަޖެހުން ގެނުވައިދޭ ކަމަކަށްވިޔަސް ބައެއްމީހުން ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ.

ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ހެނދުނާއި މެންދުރުގެ ގަދަ ހޫނުގައިވެސް އަދި ހަވީރު ވަންދެން ނުވަތަ މިމަސްގަނޑު ފަޅުން ނުކުންނަންދެން ރަށުގެ އެއްގަމު ތޮށި ބޭނުން ކޮށްގެންނާއި، އޮޑި ދޯނިފަހަރުގައި ، މުށިމަސް ބާނަމުންދާ މަންޒަރުގެ ކުޅި ބަލާލުމަށް ވެސް މީހުން ޖަމާވެއެވެ.
އުމުރުން ދުވަސްވީ މީހުން ކަސްރަތެއްގޮތުގައި ދޮށީގެ ކޮޅު ތަޅުވައިގެން ބާނަމުން އައި މުށިމަސްތައް މިހާރު ފަޅުން ހުސްވުމުމުގެ ބިރުއެބައޮތްކަމަށް އެފަރާތްތަކުން ދަނީ ބުނަމުން.


ގާނޫނު ބުނާގޮތުން އަމިއްލަ ބޭނުމަށް ދާޖަހައިގެން މަސްހިފުމަށް ހުއްދަ ކުރެވިފައި އޮތް އޮތުން އެއީ ދާ ޖަހައިގެން މަސްހިފާ ފަރާތްތަކަށް ލިބުނު ބޮޑުހިިތްވަރެކެވެ. ފިޝަރީޒް މިނިސްޓްރީން ބުނާގޮތުން އާޤާނޫނޫ ވުޖޫދަށް އައި ދުވަހުން ފެށިގެން ތިންމަސްދުވަހުގެ މުއްދަތަށް ކުރިން ހަދާފައިވާ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދަށް ޢަމަލު ކުރެވޭނެއެވެ. އެގަވާއިދުގެ ދެވަނަ މާއްދާ ގައި މިކަން ބަޔާންކޮށްފައިވޭ. މިމާއްދާގައި ބުނަނީ ރަށްރަށުގެ ފަޅަށް ވަދެފައި އޮންނަ މުށިމަސް ގަނޑުގައި ދާޖެހުމަކީ މަނާކެއްކަމަށެވެ.

ދާޖަހައިގެން މުށިމަސް ބޭނުމަކީ ރަށުގެ ގިނަބަޔަކު އަދި ވަކިން ޚާއްޞަކޮށް އަންހެން ކަނބަލުން ރުޅި ގަދަވިކަމަށެވެ. މިކަން ހުއްޓުވުމަށް އޭދަފުށީ ކައުންސިލާ އަތޮޅު ކައުންސިލާ އާންމުންގެ ގިނަބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. މުށިމަސް ފަޅަށް ވަންނާތީ ރަށުގެ ބޭރު ތޮށީގައި ތިބެގެން ލައްޓިއާ މާނިޔާ މަހާ ހަނދިވެސް އޭދަފުށިން އަންނަނީ ބާނަމުން. މީ ފަހުގެ ތާރީޚެއްގައި އޭދަފުށީ އެއްވެސް މީހަކަށް މީގެ ކުރިން ފެނުނު މަންޒަރެއްނޫނެވެ. ދާޖަހައިގެން އޭދަފުށީ ފަޅުން މުށިމަސް ހިފާތީ ކަންބޮޑުވާކަމަށާ، މިކަން ހުއްޓުވުމަށް އެރަށު ކައުންސިލުން ވަނީ މިކަން ސަރުކާރުގެ ސަމާލުކަމަށްގެނެސްފައެވެ. އެގޮތުން މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ފުލުހުންގެ ގާނޫނީ ޓީމާވެސް ބައްދަލު ކޮށްފައެވެ. އަދި އެލްޖީއޭއާއެކު ވެސް މިކަމާ ގުޅިގެން މަޝްވަރާކޮށްފައިވާކަމަށާއި، ފިޝަރީޒް މިނިސްޓްރީން ކައުންސިލްތަކަށް މިކަން ހުއްޓުވުމުގެ ހުއްދައެއް ދޭނެކަމަށް ބުނެފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ޤާނޫނުގައި މިކަން މިހެން ނެތްނަމަވެސް ޢާއްމުންގެ މަސްލަޙަތާ ގުޅިފައި ހުންނަ ބޮޑެތި މިފަދަަަ ކަންކަން ހުއްޓުވުމަކީ ކޮންބައެއްގެ މަސްއޫލިއްޔަތެއް ބާވައެވެ؟ މީ މިއަދު އޭދަފުށީ ރައްޔިތުން ކުރަމުންދާ އެންމެ ބޮޑު އެއްސުވާލު ކަމަށްވާއިރު، މިސުވާލަށް ޖަވާބުލިބި، މަސްގަނޑުގައި ދާޖެހުން ހުއްޓުމަކަށް ގެނައުމަކީ މިރަށުގެ ގިނަ ރައްޔިތުންތަކެއްގެ އުންމީދެވެ.
ތަރައްޤީގެ ރޮންގުން ކުރިއެރުން ހޯދާފއިވާ އޭދަފުށީ ރައްޔިތުންނަކީ ރާއްޖޭގެ އެހެން މީހުންނަށް ނަމޫނާ އަކަށް ވާން މަސައްކަތް ކުރާ ބަޔަކަށް ވީހިންދު މުށިމަސް ހިފުން ހުއްޓުވުމަށް ސަރުކާރުން އަންނީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ.