ޚަބަރު

ރާއްޖެއަށް ފިޔާ އެކްސްޕޯޓުކުރުން އެއްވެސް އިރެއްގައި ހުއްޓައެއް ނުލަން - އިންޑިއާ


ރާއްޖެއަށް ފިޔާ އެތެރެކުރުން އެއްވެސް އިރެއްގައި ހުއްޓާލާފައިނުވާކަމަށާއި، އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެކުރުމުގައި ދިމާވި އޮޕަރޭޝަނަލް ދަތިތައް ހައްލުކޮށް ކުރިއެކޭވެސް އެއްގޮތަށް ރާއްޖެއަށް އިންޑިއާއިން އެއްވެސް ދަތިކަމެއް ނެތި ފިޔާ އެތެރެކުރެވޭނެކަމަށް އިންޑިއާ ސަރުކާރުން ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުމުގައި ދިމާވި ދަތިކަމާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއިން ނެރުނު ނޫސްބަޔާނުގައި ވަނީ އިންޑިއާއިން ފިޔާ ބޭރުކުރުން ހުއްޓާލާފައިވަނީ އެޤައުމަށް ކުރި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން، ފިޔާ ނުލިބެން ފެށުމުންކަމަށް ވިދާޅުވެފައެއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ފިޔާ ބޭރުކުރުން މަޑުޖައްސާލާފައިވީނަމަވެސް، މި ފިޔަވަޅުގެ ދަށުން ރާއްޖެއަށް ފިޔާ އެކްސްޕޯޓުކުރުން އެއްވެސް އިރެއްގައި ހުއްޓާލައިފައި ނުވާކަމަށް އިންޑިއާ ސަރުކާރުން ވިދާޅުވެއެވެ.

އިންޑިއާ އެމްބަސީން ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ބޭރުކުރުން އެއްވެސް ހުރަހެއްނެތި ކުރިއަށްގެންދަން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުން ވީ އެއްބަސްވުމުގެ ދަށުންކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ހިލަޔާއި ހިލަވެއްޔާއި ފިޔާފަދަ ތަކެތި ދަތިކަމެއްނެތި ރާއްޖެއަށް އެތެރެކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އިންޑިއާ އެމްބަސީން ވިދާޅުވެއެވެ.

އިންޑިއާއިން ރާއްޖެއަށް ތަކެތި އެތެރެކުރުމުގައި އަވަސްކޮށް އަގުހެޔޮ ކުރުމައްޓަކައި ދެ ޤައުމު ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއާއި އިންޑިއާއާއި ދެމެދު ފަށާ ކާގޯ ފެރީ ޚިދުމަތުގެ ސަބަބުންވެސް މިކަމަށް މަގުފަހިވެގެންދާނެކަމަށް އިންޑިއާ ސަރުކާރުން ވަނީ ވިދާޅުވެފައެވެ.