ޚަބަރު

އެކަށޭނެ ޚިދުމަތްތަކެއް ދިނުމަށް، އަސާސީ ޚިދުމަތް ދޭ ފަރާތްތައް ޓެކްނޮލޮޖީއަށް އަހުލުވެރިވާންޖެހޭ - މުޣުނީ


ކުއްލި ޙާލަތްތަކުގައި އެކަށޭނެ ޚިދުމަތްތަކެއް ދިނުމަށްޓަކައި އަސާސީ ޚިދުމަތް ދޭ ފަރާތްތަކަކީ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަހުލުވެރިބަޔަކަށްވާން ޖެހޭކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

"ފިއުޗަރ އޮފް އެނަރޖީ ސިސްޓަމްސް"ގެ ނަމުގައި ސްޓެލްކޯއާއި ވަޓްސިލާ ކުންފުނި ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕް ފައްޓަވާދެއްވާ ވާހަކަދައްކަވަމުން، މުޣުނީ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަސާސީ ޚިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. ޢާޑީ މިފަދަ ޙާލަތްތަކަށް އަސާސީ ޚިދުމަތްދޭ ފަރާތްތައް ތައްޔާރުވެފައި ނުވާކަން ފާހަގަކުރައްވާ މުޣުނީ ވަނީ އެފަދަ ޚިދުމަތްދޭ ތަންތަނަށް ޑިޖިޓަލް ޗެމްޕިއަނުންނަށްވުމަށް ގޮވާލައްވާފައެވެ.

މުޣުނީ ވަނީ، އަސާސީ ޚިދުމަތްދޭ ފަރާތްތަކުން ޕްރިވެންޓިވް މެކޭނިޒަމްތަކާއި، މޮނީޓަރ ކުރުމާއި، ސްމާޓް ގެޖެޓްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން ޓެކްނޮލޮޖީގެ ދާއިރާގައި މިއުޅެނީ ފަހަތުގައި. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަސާސީ ޚިދުމަތްތަށް ދިނުމުގައި ދަތިތަށް ކުރިމަތިވާއިރު، މި ފަދަ ޙާލަތްތަކަށް އަސާސީ ޚިދުމަތްދޭ ފަރާތްތަށް ތައްޔާރު ވާން ޖެހޭ. ކުއްލި ޙާލަތްތަކަށް ތައްޔާރުވުމުގައި އަސާސީ ޚިދުމަތް ދޭ ފަރާތްތަކަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް އަހުލުވެރިބަޔަކަށްވާން ޖެހޭ." މުޣުނީ ވިދާޅުވިއެވެ.

"ފިއުޗަރ އޮފް އެނަރޖީ ސިސްޓަމްސް"ގެ ނަމުގައި ސްޓެލްކޯއާއި ވަޓްސިލާ ކުންފުނި ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕަކީ އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި އަސާސީ ޚިދުމަތް ދޭ ވުޒާރާތަކާއި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.