ޚަބަރު

ހުކުރު މިސްކިތުގައި ކަތުރުފަނި އުފެދުނަ ނުދިނުމައްޓަކައި ސަރވޭކޮށް ޓްރީޓްމަންޓް ދެނީ


މާލޭ ހުކުރު މިސްކިތުގައި ކަތުރުފަނި އުފެދުނަ ނުދިނުމައްޓަކައި، މިސްކިތް ހިމެނޭ ސަރަހައްދު އެއްކޮށް ސަރވޭކޮށް ޓްރީޓްމަންޓް ދިނުމަށް ނިންމާފައިވާކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ހާމަކުރައްވައިފިއެވެ.

މާލެ ހުކުރު މިސްކިތް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާ އާއި ހިއްސާކުރައްވަމުން، ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ރިސަރޗް އޮފިސަރ އިސްމާއިލް އަޝްރަފް ވިދާޅުވީ، މި މިސްކިތުގައި ކަތުރުފަނި އެޅުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވަމުންދާކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ހުކުރު މިސްކިތް ބަންދުކުރީ މިސްކިތުގެ ތަނބުތަކާއި މަތިވަނޑާންގަނޑުން ކަތުުރު ފަނި ފެނިގެންކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، ކަތުރުފަނި ފެނުނު ހުރިހާ ތަނަކަށް ކެމިކަލް ޓްރީޓްމަންޓްދީ މިހާރު މިސްކިތުން ކަތުރު ފަނި ނައްތާލެވިފައިވާކަމަށެވެ.

" މިދިޔަ މަހުގެ 13 ވަނަ ދުވަހު ހުކުރު މިސްކިތް ބަންދުކުރީ މިސްކިތުގެ ތަނބުތަކާއި މަތިވަނޑާންގަނޑުން ކަތުުރު ފަނި ފެނުމުން. މިތަން ބެލުމުން ކަތުރުފަނި ސީދާ ފެށުނުތަން ދެނެގެނެވުން. އެގޮތުން ކެމިކަލް ޓްރީޓްމަންޓް ވަނީ ދީފައި." އިސްމާއިލް އަޝްރަފް ވިދާޅުވިއެވެ.

ހުކުރު މިސްކިތުން ކަތުރު ފަނިނައްތާލުމަށް މިހާތަނަށް އައިރުވެސް ދެވިފައިވަނީ ވަގުތީ ހައްލުތަކެއްކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، މި ފަހަރު ކުރާ މަސައްކަތުގައި މާލޭ ހުކުރު މިސްކިތުގައި ކަތުރުފަނި އުފެދުނަ ނުދިނުމައްޓަކައި، މިސްކިތް ހިމެނޭ ސަރަހައްދު އެއްކޮށް ސަރވޭކޮށް ޓްރީޓްމަންޓް ދިނުމަށް ނިންމާފައިވާކަމަށެވެ.

އަޝްރަފް ވިދާޅުވީ ހުކުރު މިސްކިތުގައި އަޅާފައިވާ ކާޕެޓަކީ އެންމެ އެކަށޭނަ ކާޕެޓެއް ނޫންކަމުން އެ ކާޕެޓުގެ ބަދަލުގައި އެކަމަށް އެހެން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަޝްރަފް ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށްފަހު އާންމުނަށް ހުޅުވާލާނެ ދުވަހެއް އަދި ނިންމާފައި ނުވާކަމަށެވެ.

" ހުކުރު މިސްކިތުން ކަތުރު ފަނިނައްތާލުމަށް މިހާތަނަށް އައިރުވެސް ދެވިފައިވަނީ ވަގުތީ ހައްލުތަކެއް. މާލޭ ހުކުރު މިސްކިތުގައި ކަތުރުފަނި އުފެދުނަ ނުދިނުމައްޓަކައި، މިސްކިތް ހިމެނޭ ސަރަހައްދު އެއްކޮށް ސަރވޭކޮށް ޓްރީޓްމަންޓް ދިނުމަށް ވަނީ ނިންމާފައި. ހުކުރު މިސްކިތުގައި އަޅާފައިވާ ކާޕެޓަކީ އެންމެ އެކަށޭނަ ކާޕެޓެއް ނޫން. އެކަމުގެ އަލްޓަނޭޓިވް މި ހޯދަނީ." އިސްމާއިލް އަޝްރަފް ވިދާޅުވިއެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ އެންމެ ދުވަސްވީ އެއް ބިނާއެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ އަމުރުފުޅަކަށް މީލާދީން 1656 ގައި ބިނާކުރެވުނު މި މިސްކިތަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ނުފެންނަ ފަދަ ހިރިގަލުގެ ފުރިހަމަ މަސައްކަތް ފެނިގެންދާ ބިނާއެކެވެ.

ރާއްޖޭގައި ހިރިގަލުން އިމާރާތްކޮށްފައިވާ މަދު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެތަނަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ޔުނެސްކޯއާއި އިންޑިއާ ސަރުކާރާއި ގުޅިގެން ދަނީ ކުރަމުންނެވެ.