ޚަބަރު

ހިތަދޫގެ ފްލެޓްކަށް ކުރިމަތިލައިގެން އެއްވަރަކަށް ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގުރުލައިފި


އައްޑޫސިޓީގެ ހިތަދޫން ދޫކުރަން ހަމަޖެހިފައިވާ 230 ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ޕޮއިންޓް އެއްވަރަކަށް ލިބުނު މީހުންގެ މެދުގައި ގުރުލައިފިއެވެ.

މިއީ އެފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޕޮއިންޓް އެއްވަރުވި ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ ފަރާތް ދެނެގަތުމަށް ބޭއްވި ގުރުލުމެއްކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.
ރޭ ބޭއްވި ގުރުލުމުގައި، ފްލެޓްތަކުގެ ތެރެއިން 3 ގިންތިއެއްގެ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ މެދުގައި ވަނީ ގުރު ލާފައެވެ. އެގޮތުން " އޭ " ކެޓަގަރީގެ 150 ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން، ލިސްޓުގެ ފަހަތުން ޕޮއިންޓް އެއްވަރުވި 40 މީހުންނެވެ. މި ކެޓަގަރީގައި ގުރުލާފައިވަނީ، 11 ފްލެޓަކަށެވެ. " ބީ " ކެޓަގަރީގެ 30 ފްލެޓަށް ކުރިމަތިލި ފަރާތްތަކުން ލިސްޓުގެ ފަހަތުން ޕޮއިންޓް އެއްވަރަށް ލިބިފައިވާ 3 މީހެއްގެ މެދުގައި ގުރުލާންޖެހެނީ އެންމެ ފްލެޓަކަށެވެ. ސީ ކެޓެގަރީގެ 50 ފްލެޓުގެ ތެރެއިން ގުރުލާންޖެހުނީ އެއްފްލެޓަށެވެ.

މިކަމާގުޅޭ ގޮތުން އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، މި ފްލެޓްތަކަކީ 2016 ވަނަ އަހަރު އިއުލާން ކޮށްފައިވާ ފްލެޓްތަކެއް ކަމުން، ގުރުލީ މީހުންގެ ތެރެއިން މިހާރު ފްލެޓް ލިބިފައިވާ ފަރާތްތަކާއި ފްލެޓް ޙަވާލު ކުުރުމުގެ ކުރިން، މިހާތަނަށް ދިރިއުޅުމުގެ ހާލަތަށް އައިސްފައިވާ ބަދަލު ބަލައި، ދިރިއުޅުމުގެ ޙާލަތަށް ބަދަލު އައިސްފައިވާނަމަ އެކަމަށް ކަނޑައެޅިފައި އޮންނަ އުޞޫލުގެ މަތިން ކުރިއަށް ގެންގޮސް ލިސްޓު ތަރުތީބުން ފްލެޓް ޙަވާލު ކުރާނެކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، ހިތަދޫގައި އަޅާފައިވާ ފްލެޓްތަކުގެ މަސައްކަތް މުޅިން ނިމި ފްލެޓްތަކަށް ރައްޔިތުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު ކުރަން ހުރީ ހަމަ އެކަނި ފްލެޓް ސަރަހައްދުގެ ލޭންޑްސްކޭޕިންގް މަސައްކަތްތަކެއް ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ފްލެޓްތަށް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުނަގައިގެން އެމީހަކަށް ލިބޭ ފްލެޓް ކަނޑަ އެޅުމަށް ބާއްވާ އުރުލުން ވަރަށް އަވަހަށް އޮންނާނެ ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ މިހާރު އަމާޒަކީ މިމަސް ނިމުމުގެ ކުރީން ހުރިހާ ފްލެޓަކަށް މީހުންނަށް ވަދެވޭ ވަރު ކޮއްދިނުން ކަމަށެވެ.

ހިތަދޫގެ އިތުރަށް އައްޑޫސިޓީގެ ހުޅުމީދޫގައި އަޅާފައިވާ ފްލެޓްތަކުން ވެސް ޕޮއިންޓް ލިބުނު ގޮތް ވަނީ އާންމު ކޮށްފައެވެ. އަދި ހުޅުމީދޫގެ ފްލެޓްތައް ދިނުމުގައި ޕޮއިންޓުގެ ގޮތުން އިތުރު ގުރުލުމެއް ބާއްވަން ނުޖެހޭ ކަމަށްވެސް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.