ޚަބަރު

ބާވެ ހަލާކުވެފައިވާ ހ.ހާޖަރާގެ ތަޅާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި


ޢާންމު ރައްޔިތުންނަށް ނުރައްކާވާގޮތަށް ބާވެ ޙަލާކުވެފައިވާ 11 ޢިމާރަތުގެ ތެރެއިން ހ.ހާޖަރާގެ ތަޅާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މިހާރުވަނީ ޢިމާރާތްކުރުމާގުޅޭ 13 ޤަވާއިދެއްވެސް ހަދައި އެއަށް ޢަމަލުކުރަން ފަށާފައެވެ. އެގޮތުން އެމިނިސްޓްރީން މާލޭގައި ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކުގައި ބާވެ ހަލާކުވެ ޢާއްމުންނަށް ނުރައްކާވާގޮތަށް ހުރި 11 ގެއެއް ވަނީ ފާހަގަވެފައެވެ. މިގެތަކުގެ ތެރޭގައި ހިމެނެނީ ހެންވޭރުގެ 5 ގެއަކާއި، މާފަންނުގެ 4 ގެއާއި، މައްޗަންގޯޅީގެ 3 ގެއެއް ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި 11 ގޭގެ ތެރެއިން ހ.ހާޖަރާގެ ތަޅާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް މިހާރު ވަނީ ލާފައެވެ. ހައުސިން މިނިސްޓްރީ އިން ވިދާޅުވީ، ހ.ހާޖަރާ ގެޔަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެގެ ދަށުން ބަދަލު ދިނުމަށް ފަހު ސަރުކާރަށް ނަގާފައިވާ ތަނެއް ކަމަށެވެ.

އެ މިނިސްޓްރީއިން ކުރި އިޢުލާނެއްގައި ވަނީ މި މަސައްކަތަށް ހުށަހަޅާ އަގު 250000 ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑްސެކިޔުރިޓީގެ ގޮތުގައި 2500 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޕާފޯމެންސް ބޭންކް ގެރެންޓިއެއްގެ ގޮތުގައި، ހުށަހަޅާ ޖުމްލަ އަގުގެ ހަތް ޕަސެންޓް ބިޑް އެވޯޑުވާ ފަރާތުން ހުށަހަޅަންޖެހޭނެކަމަށް އިއުލާނުގައިވެއެވެ.

ހެލްތް އެންޑް ސޭފްޓީ ޕްރޮގްރާމްގެދަށުން މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް ޕްލޭނިންގް މިނިސްޓްރީއިން ވަނީ 337 ތަނެއް ބަލާފައެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ އިމާރާތްކުރާ ސައިޓުތަކާއި، ކޮންސްޓްރަކްޝަން މަސައްކަތަކުގެ ކޮލިޓީ ރަނގަޅުކޮށް އާއްމުންނަށް ރައްކާތެރި ތަންތަނަށް ހެދުމަށް މިނިސްޓްރިއިން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރައްވަމުންދާކަމަށެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ ކޮންސްޓަރަކްޝަން ސައިޓުތަކާއި ޢިމާރާތްކުރުމުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުމަށް މަސައްކަތްތައް ކުރާކަމަށެވެ. އެގޮތުން ސިމެންތިއާއި، ހިލައާއި ހިލަވެލި އެތެކުރުމުގެ ހުއްދަ ދެނީވެސް ކޮލިޓީއަށް ބެލުމަށް ފަހުގައި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.