ޚަބަރު

ޓެރަރިޒަމްގެ ބިލަށް ވޯޓަށް އެހުން އަންނަ ހޯމަ ދުވަހު


ޓެރަރިޒަމްގެ ޤާނޫނަށް ހުށަހެޅި އިސްލާހުތަކާއިއެކު ރިޕޯޓް ފާސްކުރުމަށް ބާއްވާ ޖަލްސާ އަންނަ ހޯމަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުގައި ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން ޓެރަރިޒަމްގެ ބިލުގެ ކޮމެޓީ މަރުހަލާގެ މަސައްކަތް ނިންމާ ރޭވަނީ މަޖިލީހަށް ރިޕޯޓް ފޮނުވާފައެވެ.

ކޮމިޓީގެ މުޤައްރިރު އިބްރާހިމް ޝަރީފު ވިދާޅުވީ މަޖިލީހުގެ ޤަވާއިދު ހަމަޖެހިފައިވާގޮތުން ރިޕޯޓާއި ގުޅިގެން މެމްބަރުންނަށް ހިޔާލުހުށަހެޅުމަށް 29ވަނަ ދުވަހާއި ހަމައަށް ފުރުސަތު އޮންނާނެކަމަށެވެ. މެމްބަރުން ހުށައަޅާ ހިޔާލުތައް 30ވަނަ ދުވަހު ބާއްވާ ޖަލްސާގައި އިއްވާނެކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާގައި އެއްގަޑިއިރުގެ ބަހުސްއަކަށްފަހު ވޯޓަށް އަހަނާކަމަށާއި، އެދުވަހުގެ ޖަލްސާގައި މި ބިލްގެ މަސައްކަތް މަޖިލީހުން ނިމޭނެކަމަށް ވަރަށްބޮޑަށް އުންމީދުކުރައްވާކަމަށެވެ. މިބިލުގެ މަސައްކަތް ކޮމިޓީން ކޮށްފައިވާނީ ކަމާއިބެހޭ އެންމެހާ ފަރާތްތަކާއި މަޖިލީހުގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާއި އެކުގައިކަމަށް ޝަރީފް ވިދާޅުވިއެވެ. ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ފުލުހުންނަށް ބޮޑެތި ބާރުތައްދިނުމަށް ހަމަޖެހިފައިވާތީ މިބިލްގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ޝަރީފް ވިދާޅުވީ ކޮމިޓީ މަރުހަލާގެ މަަސައްކަތް ނިންމާ މަޖިލީހަށް މިބިލް ހުށަހަޅާފައިވާނީ މިފަދަ ހުރިހާ ކަންބޮޑުވުންތަކަކަށް ރިޢާޔަތްކޮށް އެކަންކަމަށް އިސްލާހު ގެނައުމަށްފަހުގައިކަމަށެވެ. އަދި ސަރުކާރުން ހުށަހެޅި އިސްލާހުތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ދިރާސާކޮށް އިސްލާހުކޮށްފައިވާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ 3ވަނަ ޖަލްސާ މިމަހުގެ 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 19ވަނަ ރައްޔިތުންގެ މަޖިލީހުގެ 2ވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3ވަނަ ދުވަހުއެވެ.