ތަރައްްޤީ

ލ. މާމެންދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި


ލ.މާމެންދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

އެކަމަށްޓަކާ މިއަދު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާމެންދޫ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި، ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދެވެ.

އަތޮޅު ތެރޭގައި ފެނަކަ ކޯރޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެތެރެއިން މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިއީ މިއަހަރުގެ ތެރޭ އެކުންފުނިން އަޅަން ފަށާ އަށާރަވަނަ އިންޖީނުގެއެވެ. މާމެންދޫ އިނޖީނުގޭގެ މަޝްރޫޢުގެ އަގަކީ ފަސް މިލިއަން ދެލައްކަ ނުވަދިހަ ނުވަހާސް އަށް ސަތޭކަ ތިރީސް ހަތަރު ރުފިޔާ އެކާވީސް ލާރިއެވެ. ނުވަދިހަ ދުވަހުގެތެރޭގައި މިމަޝްރޫޢު ނިންމަންޖެހެއެވެ.

ފެނަކަ ކޯރޕަރޭޝަނުން އެންމެ ފަހުން އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ފ.ބިލެއްދޫގައެވެ. މިއަހަރުގެ ތެރޭގައި ތިރީސް ރަށެއްގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމަކީ އެކުންފުނީގެ އަމާޒެކެވެ.
ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ފެނަކައިން ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސަތޭކަ ފަންސާސް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް ފަންސާސް ތިން ޖެނަރޭޓަރުވަނީ ރަށްރަށަށް ފޮނުވާފައެވެ.

މިމަޝްރޫޢުގެ އަގަކީ ފަސް މިލިއަން ދެލައްކަ ނުވަދިހަ ނުވަހާސް އަށް ސަތޭކަ ތިރީސް ހަތަރު ރުފިޔާ އެކާވީސް ލާރިއެވެ. ނުވަދިހަ ދުވަހުގެތެރޭގައި މިމަޝްރޫޢު ނިންމަންޖެހެއެވެ.