ތަރައްްޤީ

3 ރަށެއްގެ ބަނދަރު ހެދުމަށް 2 ކުންފުންޏަކާއި ހަވާލުކޮށްފި


3 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް 2 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި ނ. މިލަދޫ ބަނދަރު ހެދުމާއި ލ. މާވަށު ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ) އާއި އެވެ. ގއ. މާމެންދޫ ބޭރުތޮށި ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި 3 އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޕާރމަނަންޓް ސެކްރެޓްރީ ޒީނިޔާ އަޙްމަދު ހަމީދެވެ.

އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވާ ދެ މަޝްރޫޢުގެ ތެރެއިން ނ. މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން، 248 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށްޓެއްލުމާއި، 286 މީޓަރުގެ އެއްގަމު ތޮށްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 33 މީޓަރަށް ބަނދަރު ފުންކުރުމާއި، 10 މީޓަރަށް ނެރު ފުން ކުރުމަށް ހަމަޖެހިފައިވާއިރު، 2 ނެރު ބައްތި ޖަހާ، 137 މީޓަރުގެ ރިވެޓްމަންޓެއްވެސް މި މަޝްރޫޢުގެ ދަށުން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ އަގަކީ 42.1 މިލިއަން ރުފިޔާއެވެ.

ލ. މާވަށު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، 284 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށްޓަކާއި، 110 މީޓަރުގެ އެއްގަމު ތޮށްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 24 މީޓަރަށް ބަނދަރު ފުން ކުރުމަށް ހަމަޖެހިފައިވާއިރު، 22 މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން 40 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 2 ނެރު ބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ އަގަކީ 27.3 މިލިއަން ރުފިޔާއެވެ.

ނ. މިލަދޫ ބަނދަރާއި ލ. މާވަށު ބަނދަރު އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވާ މި ދެ މަޝްރޫޢުގެ މަސައްކަތްވެސް 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގއ. މާމެންދޫ ބޭރުތޮށި ހެދުމުގެ މަޝްރޫޢުގެ ދަށުން، 75 މީޓަރުގެ ނެރުފައިކަށްޓެއް ޖެހުމާއި، 600 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން އެރަށުގެ ބަނދަރު 23 މީޓަރަށް ފުންކޮށް، 31 މީޓަރަށް ނެރު ފުންކުރުމަށްވެސް ހަމަޖެހިފައިވެއެވެ. 31.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމާލުމަށް ސާސް އީ ކޮންސްޓްރަކްޝަނަށް ދީފައިވަނީ 450 ދުވަހުގެ މުއްދަތެކެވެ.