ޚަބަރު

އެސެސްމަންޓަށްފަހު މީހުން ވެއްދޭނެ ގެތަކަށް މީހުން ވެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން - ޓާސްކް ފޯސް


ހުކުރު ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި މީހުން ހުސްކުރި ގެތަކުގެތެރެއިން ޕްލިމިނަރީ އެސެސްމަންޓަށްފަހު މީހުން ވެއްދޭނެ ގެތަކަށް މީހުން ވެއްދުމަށް މަސައްކަތްކުރަމުން އަންނަކަމަށް އަލިފާނުގެ ހާދިސާއާއި ގުޅިގެން އެކުލަވާލި ޓާސްކް ފޯސްއިން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޓާސްކް ފޯސްގެ ފަރާތުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ގެއްލުންވި ގެތަކުގެ ފޮރިންސިކް ތަޙްޤީޤްތައްކަމަށެވެ. އެގޮތުން ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމާއި، ބައެއް ހެކިތަކަކީ ނެތިގެން ގޮސްދާނެ ހެކިތަކެއްކަމަށް ބެލެވޭތީ ހުއްޓުމެއްނެތި އެ ތަޙްޤީޤްކުރިއަށްގެންދާކަމަށް ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ މިހާތަނަށް ހަ ތަނެއްގެ ފޮރެންސިކް ހަދާފައިވާކަމަށާއި، އެގޮތުން މަރުވެފައިވާ މީހާގެ ހަށިގަނޑު ފެނުނު އެޕާޓްމަންޓާއި، ކެމިކަލް ހުރި ގުދަނާއި، އެނޫންވެސް ގުދަންތައް ހުރި ތަންތަނަށް ވަދެ ފޮރެންސިކް ތަޙްޤީޤަށް ބޭނުންވާ ތަކެތި ހޯދަމުން އަންނަކަމަށެވެ. އަދި މި އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތަކުގައި އިތުރު މީހެއްގެ ހަށިގަނޑު އޮތްތޯ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނަވީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައެއް މީހުން ގެއްލިގެން އުޅޭކަމުގެ ވާހަކަ ޢާންމުންގެ ތެރޭގައި ދެކެވެމުންދާކަމަށާއި، ނަމަވެސް ރަސްމީކޮށް މީހަކު ގެއްލިގެން ހުށައަޅާފައިނުވާކަމަށެވެ. ނަމަވެސް އެ ދެކެވޭ ވާހަކަތަކަށް ރިޔާއަތްކޮށް އެއްވެސް މީހެއްގެ ހަށިގަނޑެއް އޮތްތޯ އަދިވެސް ކަށަވަރުކުރަމުން އަންނަކަމަށް ނަވީން ވިދާޅުވިއެވެ.

"ފޮރެންސިކް މަސައްކަތަކީ ލޭޔަރަކުން ލޭޔަރަކުން ކުރަންޖެހޭ ކަމަކަށްވާތީ ވަރަށް ލަހުން މިކަން މި ކުރިއަށްދަނީ. އެތަނުގެ ސޭފްޓީއާއި އަލިފާން ނެތްކަމަށް އެމްއެންޑީއެފުން ބުނީމަ އެތަނަކަށް ވަންނަނީ. އެ ހުރިހާކަމެއް ފުރިހަމަވުމުން އެހެންނަމަވެސް ތަޅައިގެން ގޮސްފައިވާތަންތަން ވެއްޓި ކަންކަން ދިމާވެދާނެތީ ބަލަމުން މިކަންކުރަނީ. ކަނުހުރާ މަގުގަ ހުރިތަނެއް ސާފްކޮށް އަބަދަށް ފެހި މަގުގެ އިތުރު ތަންތަންވެސް ބަލަމުން މިދަނީ" ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުންވި 21 ސައިކަލެއްގެ ވެރިފަރާތް ދެނެގަނެވިފައިވާކަމަށާއި، މިކަމުގައި ދެން ޢަމަލުކުރަންޖެހޭ ކަންކަން ޓްރެފިކް ފުލުހުން ކުރިއަށް ގެންދާކަމަށްވެސް ނަވީން ވިދާޅުވިއެވެ. ނަވީން ވަނީ މިހާރު ހަދާފައިވާ ޕްލިމިނަރީ އެސެސްމަންޓަށްފަހު މީހުން ވެއްދޭނެ ގެތަކަށް މީހުން ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް ފާޙަގަކުރައްވާފައެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ އާމިނަތު އާޠިފާ ވިދާޅުވީ، އެކި ފެނަވަރަށް އަސަރުކުރި ސައުވީސް ގޭގެ ތެރެއިން އެސެސްމަންޓަށްފަހު މީހުން ވަދެވޭނެ ތަންތަނާއި، ތަޅާލަން ޖެހޭ ތަންތަނާއި އިތުރު މަރާމާތަށްފަހު މީހުން ވެއްދޭނެ ތަންތަން ދެނެގަންނަމުން އަންނަކަމަށެވެ.

"އަމާޒަކީ މީގެ ދެވަނަ ފޭސްއަށް ވަދެގެންދާއިރު މި ހާދިސާގާއި އަސަރުކުރި މީހުންނަށް ޢާންމު ހާލަތަކަށް ރުޖޫޢަވެވެންދެން ކުރަންޖެހޭ ކަންކަން ކޮށްދިނުން. އެއާއެކީ ބަލަމުންދާންނ އެބޭފުޅުންގެ ހާލަތާއި ވަދެވެން ހުރި ތަންތަނުގައި އިތުރަށް ކޮށްދެވޭނެކަންކަން. ބޯހިޔާވަހިކަމުގައި ކޮށްދެވޭނެ ކަންކަން ބަލާމުން ދަނީ. އޯގާތެރިކަމާއެކު ކަންކަން ކޮށްދޭނަން. ހުރިހާ އެނަލިސިސް ހަދަމުންދަނީ. މިހާތަނަށް 244 ބޭފުޅަކު އިވެކުއޭޓްކޮށް 67 ތަނެއްގައި ބޭފުޅުން ބެހެއްޓިފައިވަނީ." ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު މުޅިން ކޮންޓްރޯލްކޮށް އެސަރަހައްދު އެމްއެންޑީއެފާއި ފުލުހުނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ. އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު އޮންނަނީ ކޯޑަންކޮށް އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ގިނަ ގޭގެއިން މީހުން ހުސްކޮށް މުޅި ސަރަހައްދު ބަލަހައްޓަމުން ދަނީ ސިފައިންނާއި ފުލުހުންނެވެ.