ޚަބަރު

އިންޑިއާ އާއި ރާއްޖެއާ ދެމެދު ފަށާ ކާރގޯ ފެރީގެ ޚިދުމަތް ދެމަސް ދުވަހުގެ ތެރޭގައި ފަށަނީ


ރާއްޖެއާއި އިންޑިއާއާ ދެމެދު ފަށާ ކާރގޯ ފެރީ ނިޒާމުގެ ޚިދުމަތް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އިންޑިއާއި ދެމެދު ކާގޯ ފެރީ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިދިޔަ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅަކީ، ރާއްޖެއާއި އިންޑިއާގެ ގުޅުމުގައި އައު އުސްމިންތަކެއް ޙާސިލކުރަމުންދާ ދުވަސްވަރެއްކަމަށް ސަފީރު ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން ވާހަަކަފުޅުދައްކަވަމުން، އިންޑިއާގެ ސަފީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު ފަށާ ކާރގޯ ފެރީ ނިޒާމުގެ މަސައްކަތް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށެވެ. އަދި އެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް ޑީޓެއިލް އެސެސްމެންޓެއް ހަދާ މި މަސައްކަތުގެ ފައިނަލް ރިޕޯޓުވެސް ތައްޔާރުކޮށްފައިވާކަމަށް ސަފީރު ސަންޖޭ ސުދީރު ވިދާޅުވިއެވެ.

"އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ފެރީ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދޭ. އެގޮތުން ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް ޑީޓެއިލް އެސެސްމެންޓެއް މިހާރު ވަނީ ހަދާފައި." އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވިއެވެ.

މި ޚިދުމަތުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބޭނެކަން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މި ނިޒާމުގެ ސަބަބުން ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށްވުރެ ކުޑަ އަގެއްގައި މުދާ އެތެރެކުރެވޭނެކަމަށް ސަފީރު ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އިމްޕޯޓުކުރުމަށް ބޮޑު ލުއިފަސޭކަމެއް ލިބޭނެ. އެގޮތުން ފާމަސިއުޓިކަލްސްއާއި، ދަނޑުވެރިކަމުގެ ސާމާނު ތާޒާ ކަމާއިއެކު ލިބިގެންދާނެ." އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ފަށާ ކާރގޯ ފެރީ ނިޒާމުގެ ޚިދުމަތް ފެށުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންދާއިރު، ރާއްޖެއާއި އިންޑިއާ ގުޅިގެން އިތުރު ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސިއްޙީ ދާއިރާ، ކުޅިވަރުގެ ދާއިރާ، ޑިފެންސް އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.