އދ.ގެ އާންމުޖަލްސާގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅުން ރާއްޖޭގެ ތަރައްޤީއަށް އިތުރުއެހީތެރިކަން ލިބިގެންދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް މިމަހުގެ 21 ވަނަ ދުވަހު ކުރައްވާ ދަތުރުފުޅާއި ގުޅިގެން އެމަނިކުފާނު ވިދާޅުވީ މި ދަތުރުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެކުވެރި ޤައުމުތަކާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ އެހީތެރިކަން ލިބިގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި އެމަނިކުފާނު 5 ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ކްލައިމެޓް ސަމިޓްގައާއި، ބައިވެރިވުމުގެ އިތުރުން ތިމާވެއްޓާއި ގުޅުންހުރި މުހިންމު ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާކަމަށެވެ.
ގިނަ ގައުމުތަކުން ބައިވެރިވާ އދ.ޢާއްމު ޖަލްސާ މި އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 17އިން 30އަށް އެމެރިކާގެ ނިއުޔޯކްގައެވެ. އދ.ގެއާއްމު ޖަލްސާގައި ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނާއިރު އެބައްދަލުވެގެންދަނީ ދޭދޭ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމަށްވެސް ލިބިގެންދާ ފުރުޞަތެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އދ.ގެ ޢާއްމު ޖަލްސާގައި ދިވެހި ސަރުކާރުގެ ފަރާތުން ތަމްސީލް ކުރެއްވީ ސަރުކާރުގެ މިނިސްޓަރުންނެވެ. ރައީސް ޔާމީން އދ.ގައި ތަޤްރީރުކުރައްވާފައެއް ނުވެއެވެ.
މިއީ ފާއިތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.