ސްޓެލްކޯއިން ފެށުމަށް ތައްޔާރުވަމުންދާ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ޗައިނާގެ ސީ.ވައި.ޖީ ސަންރައި ކޯ ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ. އަދި ޗައިނާގެ ސީ.ވައި.ޖީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ނާއިބު ރައީސް ވޫ ޑިއަންފެންގއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ %50އަކީ އިޢާދަކުރަނިވި ހަކަތައިން ފޯރުކޮށްދޭ ކަރަންޓަށް ހެދުމަކީ އެކުންފުނީގެ މުހިއްމު އަމާޒެއްކަމަށެވެ.
އަދި މިކަން ޙާޞިލުކުރުމަށްޓަކާ އއ.އުކުޅަހުގައި ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވަމުންދާއިރު، މި އެއްބަސްވުމުގެ ދަށުން ސީ.ވައި.ޖީގެ ޙާއްސަ ޓީމަކުން އުކުޅަހަށްގޮސް، އެރަށަކީ ސަތޭކަ އިންސައްތަ އިޢާދަކުރަނިވި ހަކަތައިން ކަރަންޓް ފޯރުކޮށްދޭ ރަށަކަށް ހެދުމަށް ބޭނުންވާ ސަރވޭގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސާމްޕަލް ރަށެއްގެގޮތުގައި މި މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައި މިވަނީ އުކުޅަހުގައި. މިބޭފުޅުންގެ ޓީމް އެރަށަށް ވަޑައިގެން ރަށް އިތުރަށް ސަރވޭކޮށް، ބެޓްރީ ސިސްޓަމާއި، ސޯލަރއާއެއްކޮށް ވޯރކްކޮށްގެން %100އަށް ދެވޭނީ ކިހިނެއްތޯ ފުރަތަމަ މިބޭފުޅުން ސްޓަޑީ ކުރާނީ. އެއަށްފަހު މިބޭޅުން ދެއްވާނެ އެކަމަށް ބޭނުންވާ އިކުއިޕްމަންޓްސްތައް." ޙަސަން މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ އިޢާދަކުރަނިވި ހަކަތައިގެ މިމަޝްރޫޢު ކުރިއަށްގެންދިއުމުގައި އެކުންފުނީގެ މައިގަނޑު ވިސްނުމަކީ، ސްޓެލްކޯއިން ހުރިހާ ރަށެއްގައި މިމަސައްކަތް ކުރުމުގެ ބަދަލުގައި، ތާރޑް ޕާޓީ އުޞޫލުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް މިމަޝްރޫޢަށް ބޭނުންވާ ސާމާނު ހޯދުންކަމަށެވެ. އަދި އެތަކެތި ރަށްރަށުގައި އިންސްޓޯލްކުރުމުގައި އެކުންފުނިން ޓެކްނިކަލް ސަޕޯޓުދޭނެކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
"ސްޓެލްކޯއިން ކޮށްދޭނެކަމަކީ އަޅުގަނޑުމެން ފެސިލިޓޭޓްކޮށްދޭނެ ކުދި ވިޔަފާރިތަކަށް އެބޭފުޅުން އަޅުގަނޑުމެންނާއި ގުޅިގެން މިތަކެތި އިންސްޓޯލްކުރެވޭނެގޮތް. ސްޓެލްކޯއިން އޯވަރޯލްކޮށް މެނޭޖްކުރާނީ މިކަހަލަ ޕްރޮޖެކްޓްތައް." މުޣުނީ ވިދާޅުވިއެވެ.
ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ފަންސާސް އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އއ.އުކުޅަހުގައި ޕައިލެޓް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮޖެކްޓުގެ ނަތީޖާއަށް ބަލައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އެހެން ރަށްރަށުގައިވެސް އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.