ތިމާވެށި

ތިން ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނަރޭޓަރު ބެހެއްޓުމަށް ބަޔަކާ ހަވާލުކޮށްފި


3 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް އަމިއްލަ ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކާ އެންވަޔަރަމަންޓް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ތިލަފުށީގައި ބަހައްޓާފައިހުރި 4 ޓަނުގެ 3 އިންސިނަރޭޓަރ ހދ. ކުޅުދުއްފުއްޓަށާއި، ކ. މާފުށްޓަށާއި ފުވައްމުލަކު ސިޓީއަށް ގެންގޮސް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން ކުޅުދުއްފުއްޓާއި ފުވައްމުލަކު ސިޓީގައި އިންސިނަރޭޓަރ ބެހެއްޓުމަށް ހަވާލުކޮށްފައިވަނީ މެކްސްޓަރ މޯލްޑިވްސްއާއެވެ. އަދި މާފުށީގައި އިންސިނަރޭޓަރ ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ކޮރަލް ލައިފް ޕްރައިވެޓް ލިމިޓެޑާއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، އިންސިނަރޭޓަރތައް ބެހެއްޓިކަމުގައި ވީނަމަވެސް ކުނީގެ މައްސަލައަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއްހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްގެންދާނެކަމަށާއި، އެ މަޝްރޫޢުތަކުން ކުނީގެ މައްސަލަ ހައްލުވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ބަހައްޓާފައިވާ އިންސިނަރޭޓަރތައް އެރަށްތަކަށް ގެންދިއުމާއެކު އިންސިނަރޭޓަރ ބަހައްޓާ ޝެޑް ހެދުމުގެ އިތުރުން އެތަކެތި އިންސްޓޯލްކުރާނެއެވެ. މިއީ ދިވެހި ސަރުކާރުގެ ބަޖެޓުން ޖުމްލަ 6.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.

ހދ. ކުޅުދުއްފުއްޓާއި، ކ. މާފުށި އަދި ފުވައްމުލަކު ސިޓީގައި އިންސިނަރޭޓަރ ބެހެއްޓުމުގެ މަސައްކަތް ކުރުމަށް މެކްސްޓަރ މޯލްޑިވްސްއާއި، ކޮރަލް ލައިފް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 119 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ.