ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމެރިކާގެ ސޯޝަލް މީޑިއާ ޓީމެއް ރާއްޖެއަށް


ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން އެމެރިކާގެ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ މީހުންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.

މިއީ ފުޅާދާއިރާއެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީން މިއަހަރު ކުރިއަށްގެންދިއުމަށް ރާވާފައިވާ ދަތުރުތަކުގެ ތެރެއިން 13 ވަނަ ދަތުރެވެ. އެމެރިކާގެ މި ޓީމް ރާއްޖެ އައިސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

މި މީހުންގެ ދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ޑައިމަންޑްސް އަތުރުގާ ރިސޯޓް، ލަކްސް ސައުތު ރިސޯޓް، އެޓޯލް ރިސޯޓް އަދި ރީތިފަރު ރިސޯޓްގައެވެ. މިދަތުރުގައި މިޓީމުގެ މެމްބަރުން ދިވެހިރާއްޖޭގެ ސަގާފަތާއި، ކަނޑު އަޑީގެ ރީތިކަން ތަޖުތިބާކުރާނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުތުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި މުރަކަތައް ދިރުވާ އާލާކުރުމަށްޓަކައި ރިސޯޓުތަކުން ކުރިއަށްގެންދާ ހަރަކާތްތައް ދެނެގަތުމުގެ އިތުރުން މުނިފޫހިފިލުވުމާއި ކުޅިވަރުތަކުގައި ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ދަތުރުގައި ކުރާ ތަޖްރިބާތައް އެމީހުންގެ ސޯޝަލް މީޑީއާ އެކައުންޓުތަކާއި ބްލޮގްތަކުގައި ހިއްސާކުރާނެއެވެ. މިހަރަކާތުގެ އެންމެ ބޮޑު އެއް މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަން އެމެރިކާގެ ފަތުރުވެރިންނާ ހިއްސާކޮށް އެމެރިކާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

ދަތުރު ނިންމާލުމަށްފަހު މި ޓީމް ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި ދަތުރަކީ އެމް.އެމް.ޕީ.އާރުސީން ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ އަމާޒުގައި ހިންގާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

އެމް.އެމް.ޕީ.އާރް.ސީން އަންނަނީ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ މީހުންގެ އިތުރުން އެކި ގައުމުތަކަށް ހާއްސަކޮށް މީޑިއާ ފޭމް ޓްރިޕްތައްވެސް ރާވާ ހިންގަމުންނެވެ.