ތަޢުލީމު

ޓިވެކްގެ މިސާލު ސަރުކާރުން ނަގަންޖެހޭ. ޓުއަރިޒަމް މިނިސްޓަރ


މަސައްކަތް ތެރިކަން ދަސްކޮށް ދިނުމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީން ދިނުމަށް ބ.އަތޮޅު ކިހާދޫގައި ހިންގާ ޕްރޮގްރާމް ތަކަކީ މިސާލެއްނެތް ފަދަ އަގު ހުރި މަސައްކަތެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅު ވެއްޖެއެވެ.

މިނިސްޓަރ ޢަލީ ވަޙީދު މިހެންވިދާޅުވީ، ބ.އަތޮޅު ކިހާދޫގައި ޓިވެކް ސެންޓަރުން ތަމްރީނުވި ތިންވަނަ ބެޗްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި އިނޮގްރޭޝަން ޑިނަރނައިޓް ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޯސްޓްލައިން ފައުޑޭޝަނުން ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ސާބަހައް ކިޔަވަދިނުމަށް ކިހާދޫގައި ހިންގާ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުން ހިންގާ ޕްރޮގަރާމް ތަކުން ޢިބުރަތް ޙާޞިލު ކޮށް މިސާލެއް ނަގަން ޖެހޭކަމަށާއި މިފަދަ ކަންކަމަކީ ވަރަށް ބޭނުންތެރި ކަންކަން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ވިސްނުން ގެންގުޅޭކަމަށާ، އެކަންކަން ކުރުމުގައި މިފަދަ ތަންތަނުން ހިންގާ ތަމްރީންތަކާ ކިޔަވައިދިނުމުގައި ގެންގުޅޭ އުޞުލު ތައް ދިރާސާ ކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކާމިޔާބު ކަމާއެކު ކަންކަން ޙާޞިލް ކުރުމުގައި އެންމެން ގުޅިގެން އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ މުހިއްމު ކަން ފާހަގަ ކުރައްވައި މިނިސްޓަރ ޢަލީވަހީދު ވަނީ ކިހާދޫ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުން ކިޔަވާ ދަރިވަރުންވެސް އުންމީދު ކަނޑާނުލައި ދާން ބެނުންވާ އަމާޒަކަށް ވާޞިލު ވުމަށް ނަޞޭޙަތް ތެރިވެ ވަޑައިގެންފައެވެ.

ވަޒީފާއެއް ނުލިބި ތިބި ޒުވާނުންނަށާ ވަޒީފާގެ މާޙައުލުގައި އުޅޭ ޒުވާނުންނަށް ވަޒީފާގެ މާޙައުލުގައި މަސައްކަތު ތަޖުރިބާ އަކީ މަދު ފަހަރަށް ތަޖްރިބާ ކުރެވެ ކަމެއްކަމަށާ ، އަދި މިފަދަ ކުދިން ތަމްރީނު ކުރުމަށް ކުރާ މި މަސައްކަތް ބަލާލުން ވެގެން މިދިޔައީ މިފަދަ ފުރަތަމަ ފުރުޞަތުކަން ފަތުރުވެރި ކަމާބެހެ ވަޒީރު ފާހަގަ ކުރެއްވިއެވެ. މިމަސައްކަތް ފުޅާވެގެން ދިއުމަކީ ކުރެވޭ ވަރައްބޮޑު އުންމީދެއްކަމަށްވެސް ވިދާޅުވިއެވެ.

"މީ ދައުލަތުން މިސާލު ނަގަންޖެހޭވަރުގެ ބޮޑު މަސައްކަތެއް. މިމައްސައްކަތް އިތުރަށް ފުޅާވެގެން ދިއުމާއި، މިތަނުން ތަމްރީނު ވެގެންދާ ދަރިވަރުން އަޅުގަނޑުމެންގެ ސިނާއަތްތަކުގައި މަސައްކަތް ކުރާތަން ފެނުން އެއީ އެދާއިރާތަކަށްލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް" މިނިސްޓަރ އަލީ ވަޙީދު ވިދާޅުވި.

ބ.ކިހާދޫގައި ހިންގާ ޓިވެކް ސެންޓަރުން މި ބެޗްގައި 50 ދަރިވަރުން ރާއްޖޭގެ އެކި ސަރަހައްދު ތަކުން ދަނީ ކިޔަވަމުންނެވެ.
ރޭ ބޭއްވި މިހަފްލާއަށް ވަޑައިގެން މިނިސްޓަރވަނީ ދަރިވަރުން މަސައްކަތް ކުރާ މާޙައުލަށް ޒިޔާރަތްކުރައްވައި އެތަނުން ކުރާ މަސައްކަތްތަކުުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި ބ.އަތޮޅުގައި ހިންގާ ބައެއް ރިސޯޓްތަކުގެ ވެރިންނާ ކަމާ ގުޅުންހުރި ދާއިރާތަކުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި.