ގދ. ތިނަދޫގައި ސަރުކާރުން އަޅާފައިވާ 120 ފްލެޓު ދޫކުރުމަށްޓަކައި ކުރަންޖެހޭ އިތުރު ބައެއް މަސައްކަތްތައް ހުރުމުން މާކްސް ލިބުނު ގޮތުގެ ފައިނަލް ލިސްޓު އާންމުކުރުން ފަސްކޮށްފިއެވެ.
ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން އެކައުންސިލްގެ ރައީސް، އަލީ އަމްޖަދު ވިދާޅުވީ ކައުންސިލުން ބެލީ ވީހާވެސް އަވަހަށް ފްލެޓުތަކަށް އެދި ހުށަހެޅި މީހުންނަށް މާކްސް ލިބުނު ގޮތުގެ ލިސްޓު އާންމުކުރުމަށް ކަމަށެވެ. ނަމަވެސް ކުރަން ޖެހޭ އިތުރު އިދާރީ މަސައްކަތްތަކެއް ހުރުމުން ލިސްޓު އާންމު ކުރުން އަންނަ ހަފްތާއަށް ފަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމްޖަދު ވިދާޅުވި ގޮތުގައި، ލިސްޓު އާންމުކުރުން ފަސްކުރަން ޖެހުނު މައިގަނޑު ސަބަބަކީ ހުޅުމާލެއިން ދޫކުރަން އިއުލާންކުރި ފްލެޓުތަކަށް ހުށަހަޅާފައި ތިބި މީހުންގެ ތެރޭގައި ތިނަދޫ ފްލެޓުތަކަށް އެދި ހުށަހަޅާފައިވާ މީހުން ތިބުމެވެ. އެހެން ކަމުން ހުޅުމާލޭ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓާއި އެރަށުގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް އެދި ހުށަހެޅި މީހުންގެ ލިސްޓު ބަލައި ވިލަރެސް ކުރަން ޖެހޭތީ އެކަން ކުރުމުގެ މަސައްކަތް މިހާރު ކައުންސިލުން ކުރަމުން އަންނަ ކަމަށް އަމްޖަދުު ވިދާޅުވިއެވެ.
ގދ. ތިނަދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 120 ފްލެޓުގެ ތެރެއިން، އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 580 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް އެދި 238 ފޯމު ހުށަހަޅާފައިވެއެވެ. ސީ ކެޓަގަރީގައި ހިމެނޭ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.
އެ ރަށުން ފްލެޓްތައް ލިބުނު މީހުންގެ މާކްސް ހިމެނޭ ވަގުތީ ލިސްޓު މީގެ ކުރިންވެސް ދެ ފަހަރަކު އާންމުކޮށްފައި ވެއެވެ. ފުރަތަމަ ފަހަރު އާންމުކުރީ ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅުގައެވެ. އެފަހަރު އާންމު ކުރި ލިސްޓާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ ހުށަހަޅާފައިވާތީ ތިނަދޫ ކައުންސިލުން އެކަން ބަލައިދިނުމަށް އޭސީސީއަށް ހުށަހެޅިއެވެ. އެގޮތުން ހައުސިންގ މިނިސްޓްރީއާ ގުޅިގެން އެކަން ކުރިއަށް ގެންދިއުމަށް އޭސީސީން އެންގުމާ ގުޅިގެން އެ މިނިސްޓްރީގެ ލަފަޔާއެކު ތިނަދޫ ކައުންސިލުން އެކުލަވާލި ކޮމެޓީއަކުން އެ ލިސްޓު ރިވިއު ކުރުމަށްފަހު ދެވަނަ ފަހަރަށް އިއުލާންކުރިއެވެ.