ޚަބަރު

ތުޅާދޫގައި ހަދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް މިމަހުގެތެރޭގައި ނިމޭނެ - މިނިސްޓަރ އާޠިފާ


ބ.ތުޅާދޫގައި ހަދަން ފަށާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް މިމަހުގެތެރޭގައި ނިމޭނެކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވަލަޕްމަންޓް އާމިނަތު އާޠިފާ ވިދާޅުވެއްޖެއެވެ. މިއީ މީގެ 7 އަހަރުކުރިން ހަދަން ފަށާފައިވާ ހައުސިންގ ޔުނިޓް ތަކެކެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބ.އަތޮޅު ތުޅާދުއާއި އޭދަފުއްޓަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއު އެއްގައެވެ. މިނިސްޓަރ އާޠިފާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ އެކިރައްރަށުގައި ފަށާފައިހުރި ހައުސިންގ މަޝްރޫޢު ތަކުގެ މަސައްކަތްތައް ނުނިމި އެބަހުރި ކަމަށާ، އެއީ މިސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެގޮތުން ހައުސިންގ މަޝްރޫޢުތައް ކުރިއަށްގެންދާ ރަށްރަށަށް ޒިޔާރަތް ކުރައްވައި މިމަޝްރޫޢުތައް ކުރިއަށް ދާގޮތް ވަރަށް ގާތުން ބައްލަވަމުންގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވި.

ބ. އަތޮޅު ތުޅާދޫގައި ވެސް މީގެ 7 އަހަރު ކުރިން ފަށާފައިވާ ހައުސިން ޔުނިޓްތައް މިއަދާ ހަމައަށް އައިއިރު ނުނިމުން އެއީ ކަންބޮޑުވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވި. އަދި މި މަސައްކަތް ނުނިމުނު ސަބަބު ދެނެގަނެވި އެކަން މިހާރު ޙައްލު ކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވި.

ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ އާޠިފާވަނީ ތުޅާދޫ ކައުންސިލާއި ބ.އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލްގެ އިތުރުން ދަރަވަންދޫ ކައުންސިލާވެސް ބައްދަލުކުރައްވާފަ.
އަދި ތުޅާދޫގައި ކުރިއަށްގެންދާ ހައުސިން މަޝްރޫޢު ކުރިއަށްދާ ސައިޓަށް ޒިޔާރަތް ކުރައްވައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވެއެވެ.

ކައުންސިލްތަކާއެކު ބޭއްވި ބައްދަލުވުންތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ އާތިފާ ވިދާޅުވީ ކައުންސިލްތަކުން މާބޮޑު ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް.
އެހެން ނަމަވެސް ތުޅާދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެރަށުގައި ހަދަންފަށާފައިވާ ހައުސިން ޔުނިޓްތައް ނުނިމި ލަސްވަމުންދާ ޝަކުވާ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާކަމަށް ވިދާޅުވިއެވެ.