ތަރައްްޤީ

މޫދަށް އަޅާ ކުނިން ތިމާވެއްޓަށް ވާ ގެއްލުން ކުޑަކުރުމަށް ތިނަދޫ ކުނިކޮށީގައި ކޮށްޓެއް ބަހައްޓައިފި


މޫދަށް އަޅާ ކުނިން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ގދ. ތިނަދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މޫދަށް ކުނި އަޅަން ބޭނުންކުރާ ސަރަހައްދުގައި ޚާއްޞަ ކޮށްޓެއް ބަހައްޓައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ، އަޙްމަދު ނާޝިދު ވިދާޅުވީ ބަދިގެއިން އުފެދޭ ކުނިވާ ޒާތުގެ ކުނި ޒަމާނުއްސުރެ އަޅަމުންދަނީ މޫދަށް ކަމަށެވެ. އަދި އެރަށު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައިވެސް އެކަން ކުރަމުން އަންނަނީ އެގޮތަށް ކަމަށްވާތީ ބައެއް ފަހަރު މޫދަށް ކުނި އަޅާ އިރު ކުނީގެ ތެރޭގައި ޕްލާސްޓިކް ކޮތަޅާއި އެހެނިގެން ޒާތުގެ ތިމާވެއްޓަށް ގެއްލުންވާ ޒާތުގެ ތަކެތި ހުންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެން ކަމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިއްޔެ އެރަށު ކުނި ކޮށީގައި އެގޮތަށް މޫދަށް އުކާލެވޭ ކުނި އުކާލުމަށް ޚާއްޞަ ކޮށްފައިވާ ސަރަޙައްދުގެ މޫދުގައި ޚާއްޞަ ކޮށްޓެއް ބަހައްޓާފައިވާ ކަމަށެވެ. މީގެ ފަހުން އެޒާތުގެ ކުނި އުކާލެވޭނީ މިކޮށީގެ ތެރެއަށް ކަމަށް ނާޝިދު ވިދާޅުވިއެވެ. އެކޮށްޓަކީ ވަށައިގެން ދާ ޖަހާފައިވާ ކޮށްޓެއް ކަމުން އެއިން މޫދަށް ބޭރުވެގެން ދާނީ ހަމައެކަނި ކުންޏެވެ.

ނާޝިދު ވިދާޅުވި ގޮތުގައި އެ ކޮށި ކޮންމެ ދުވަހަކު ސާފު ކުރެވޭނެއެވެ. އަދި ސާފު ކުރާ އިރު އޭގައި ހަރުލާފައި ހުންނަ ތަކެތި ވަކި ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެރަށުގައި ކުނި ނައްތާލުމަށް ގިނަ މައްސަލަ ތަކެއް ހުރި އިރު އެންމެ ބޮޑު މައްސަލައަކީ ތިމާވެއްޓަށް ގެއްލުން ވުމެވެ. އެރަށުގެ ކުނި ކޮށި ހުންނަ ޞަރަޙައްދަކީ ކުނި އެޅުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާ ފަދަ ޞަރަޙައްދެކެވެ. ކުނި ކޮށްޓާ ޖެހިގެން އޮންނަނީ މޫދެވެ. ބަދިގެއިން އުފެދޭ ކުނި ނައްތާލުމަށްޓަކައި އެފަދަ ކުނި އަޅަނީ މޫދަށް ކަމަށް ވާތީ، ކުނި އުކާލާއިރު، ބަދިގެ ކުނީގެ ތެރޭގައި ޕްލާސްޓިކް ކޮތަޅާއި އެހެނިހެން ޒާތުގެ ކުނި ހުންނާތީ، އެފަދަ ކަންކަން ހުއްޓުވުމަށް އެރަށު ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.