ގދ. ތިނަދޫގައި ސަރުކާރުން އަޅަން ހަމަޖައްސާފައިވާ ޓީ ޖެޓީ އެޅުމާ ގުޅޭ ގޮތުން އެރަށު މަސްވެރިންނާ މަޝްވަރާކޮށްފިއެވެ.
ތިނަދޫ ކައުންސިލުން ވިދާޅުވީ އެރަށު މަސްވެރިންނާ ބައްދަލު ކޮށް ޖެޓީ އެޅުމާ ގުޅޭ ގޮތުން މަސްވެރިންގެ ޚިޔާލު ހޯދާފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ފަރާތުން ލިބިފައިވާ ޚިޔާލުތައް މިހަފްތާ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް ފޮނުވާނެ ކަމަށެވެ. އަދި މަސްވެރިންނާއެކު އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް އެކައުންސިލުން ހަމަޖައްސާފައިވާ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
ތިނަދޫގައި ޓީ ޖެޓީ އަޅަނީ މިހާރު އެރަށު އައިސްޕްލާންޓް ހުރި ސަރަހައްދުގައެވެ. އެގޮތުން އެ މަސައްކަތް މިހާރު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އެ ކުންފުންޏާ އެމަސައްކަތް ހަވާލު ކުރީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 17.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ތިނަދޫގައި މިފްކޯއިން ހިންގަމުންދާ އައިސްޕްލާންޓު ހިމެނޭ ސަރަޙައްދުގައި 9245 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކައި، 130 މީޓަރުގެ ޝީޓް ޕައިލް ކީވޯލް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 10 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ، 620 ސްކޮއަރ މީޓަރުގެ ޕޭވްމަންޓު ހެދުމުގެ އިތުރުން ބަނދަރު ސަރަޙައްދުގައި ލައިޓް ހަރުކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައިފައެވެ.
މިިދިޔަ އޯގަސްޓު މަހުގެ 2 ވަނަ ދުވަހު މި އެގްރީމަންޓުގައި ސޮއިކުރި ނަމަވެސް މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަދިވެސް ފަށާފައެއް ނުވެއެވެ.