ޚަބަރު

4 އަތޮޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ނިމިއްޖެ


ރާއްޖޭގެ 4 އަތޮޅުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ އިޢާދަކުރަނިވި ހަކަތައިގެ މަޝްރުޢޫގެ ޢަމަލީ މަސައްކަތް، ނުފެށިހުރި ރަށްރަށުގައި މިމަސައްކަތް، ވަރަށް އަވަހަށް ފަށާނެކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ހުރިހައި ރަށަކަށް އަމާޒުކޮށްގެން 2014ވަނަ އަހަރު ފެށި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ދުވާލުގެ ވަގުތުތަކުގައި ބޭނުންކުރާ ހަކަތައިގެ އެންމެމަތީ މިންވަރުގެ %30އަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް އަމާޒުކޮށްގެން ފެށްޓެވި މަސައްކަތެވެ. މި ޢަދަދު %70އަށް އިތުރުކުރުމަށް މިހާރުވަނީ މިސަރުކާރުން ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ އެސިސްޓަންޓް އިންޖިނިއަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ އިޢާދަކުރަނިވި ހަކަތަ ރަށްރަށުގައި ބޭނުންކުރަން ފެށުމުން، ކަރަންޓު އުފެއްދުމަށް ތެޔޮ ގަތުމަށް ސަރުކާރުން މިހާރު ހޭދަކުރަންޖެހޭ ފައިސާއިން ވަރަށްބޮޑުބައެއް ސަލާމަތް ކުރެވޭކަމަށެވެ. ރާއްޖޭގެ ޖުމުލަ ޢާމްދަނީން ބޮލަކަށްޖެހޭ މިންވަރުގެ %10 މިހާރު ހޭދަކުރަނީ ހަކަތަ އުފެއްދުމަށް ތެޔޮ ގަތުމަށެވެ.

ޢަބްދުﷲ ރަޝީދު ވިދާޅުވީ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަކީ ކާމިޔާބުކަމާއެކު ހިންގަމުން އަންނަ މަސްރޫޢުއެއްކަމަށެވެ. އެގޮތުން މިމަޝްރުޢުގެ ދަށުން ހއ، ހދ، ށ، އަދި ނ، އަތޮޅުގައި އަވިން ހަކަރަ އުފައްދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި އިތުރު އަތޮޅުތަކުގެ ބައެއްރަށްރަށުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްފަށާފައިވާއިރު، އިތުރު ބައެއްރަށްރަށުގައި ސޯލާ ޕެނަލް ހަރުކުރުމަށްވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. އެންވަޔަރަމެންޓް މިނިސްޓްރީގެ އެސިސްޓަންޓް އިންޖިނިއަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ މަސައްކަތް ނުފެށިހުރި ރަށްރަށުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

"ޢަމަލީ މަސައްކަތް ނުފެށި ލަސްވަނީ ފަންޑިންގެ ދަތިކަންހުރި ރަށްރަށުގައި. ނަމަވެސް މިހާރުދަނީ ފަންޑިން ހަމަޖެހެމުން. ނުފެށި ހުރި ރަށްތަކުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން." އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށްރަށަށް ކަރަންޓުގެ ޚިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެފައިވަނީ މަސައްކަތް ނިމިފައިވާ ހއ، ހދ، ށ، އަދި ނ، އަތޮޅުގެ ބައެއް ރަށްރަށުގައި ދުވާލުގެ 4 ނުވަތަ 5 ގަޑިއިރު އަވިން ހަކަތަ އުފައްދާ ނިޒާމުން އުފައްދާ ކަރަންޓު ފޯރުކޮށްދެމުން އަންނަކަމަށެވެ. ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ނަޖާހު ވިދާޅުވީ ކަރަންޓު އުފެއްދުމަށް ތެޔޮގަތުމަށް އެކުންފުނިން ކުރާ ހޭދަ ކުޑަވެފައިވާކަމަށެވެ.

"ހުރިހައި އިންޖީނުތައް ނިއްވާލައިގެން 4-5 ގަޑިއިރު އެބަ ކަރަންޓު ދެވޭ ސޯލާ ބޭނުންކޮށްގެން. ފޮއްދޫ، އުތީމުފަދަ ރަށްރަށުގައި ޑީސަލުން ބޮޑު ސޭވިންގއެއް އާދޭ". އަޙްމަދު ނަޖާހު ވިދާޅުވިއެވެ.

ސަރުކާރުންވަނީ މިދިޔަ މަރޗްމަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކޮށް ޓެރިފްތަކަށްވެސް ބަދަލު ގެނެސްފައެވެ. އެގޮތުން ޔުނިޓަކުން 12 ލާރިވަނީ ހެޔޮކޮށްފައެވެ.