ޚަބަރު

އުކުޅަހު ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ނިމިއްޖެ


އެކި ޙަރަކާތްތައް ކުރިއަށްގެންދެވޭގޮތަށް އުކުޅަހުގައި އަލަށް ތަރައްޤީކުރި "އުކުޅަސް ކޮންވެންޝަން ސެންޓަރ" ޕްލޭނިންގ މިނިސްޓްރީން އުކުޅަހު ކައުންސިލާ ޙަވާލުކޮށްފިއެވެ. އުކުޅަސް ކޮންވެންޝަން ސެންޓަރަކީ 400މީހުންގެ ޖަގައިގެ ސެންޓެރެކެވެ.

"އުކުޅަސް ކޮންވެންޝަން ސެޓަރ" އެރަށު ކައުންސިލާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ މުޙައްމަދު އަސްލަމެވެ. އަދި ރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ ކޮންވެންޝަން ސެންޓަރުގައި އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ "އިންޓަރނޭޝަނަލް އަރޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސް"ކަމަށެވެ. މިފެއަރ ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ. މިއީ އެކި ޤައުމުތަކުން ޓޭކްނޮލޮޖީގެ ދާއިރާގައި މަސައްކަތް ކުރާ މީހުން އެއްތަނަކުން ބައްދަލުވެ ޚިޔާލު ހުށައެޅުމަށް ބާއްވާ ކޮންފަރެންސްއެކެވެ.

"އުކުޅަސް ކޮންވެންޝަން ސެންޓަރ" އަކީ ރާއްޖޭގައި ބާއްވާ މުހިންމު ބައްދަލުވުންތަކާއި ސެމިނާތައް ބޭއްވުމަށް ޚާއްސަކޮށްގެން ފަރުމާކޮށް ހުޅުވި ސެންޓަރެކެވެ. އެގޮތުން މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާއި ރަށުގައި ބާއްވާ މުހިންމު ޙަރަކާތްތައްވެސް ދެން ބާއްވާނީ މިކޮންވެންޝަން ސެންޓަރުގައިކަމަށް އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުކުޅަހަކީ ފަތުރުވެރިކަން ފުޅާ ދައިރާއެއްގައި ކުރާ ރަށަކަށްވުމާއި މުހިންމު ގިނަ ޙަރަކާތްތައް ބާއްވަމުން އަންނަ ރަށަކަށްވާތީ މިފަދަ ސެންޓަރެއް އެރަށަށް ވަރަށް މުހިންމުކަމަށެވެ.

މި ސެންޓަރަކީ ޖާގައިގެ ގޮތުންވެސް ތަނަވަސް ތަނެކެވެ. 17 މިލިއަން ރުފިޔާ ޚަރަދުކޮށްގެންއަޅާފައިވާ މިސެންޓަރަކީ 400 މީހުންނަށް އެއްފަހަރާ ޙަރަކާތްތެރިވެ އުޅެވޭނެ ޖާގައިގެ ސެންޓަރެކެވެ. އުކުޅަސް ކޮންވެންޝަން ސެންޓަރުގައި މަލްޓި ޕަރަޕަސް ހޯލަކާއި، 50 މީހުންގެ ޖާގައިގެ 2 ކްލާސް ރޫމާއި، ވީ.އައި.ޕީ ލައުންޖަކާއި ވިޔފާރީގެ ބައްދަލުވުންތައް ބޭއްވުމަށް ޚާއްސަ ރޫމެއްވެސް ހިމެނެއެވެ. މީގެއިތުރުން ކެފެޓީރިއާއަކާއި އިދާރީ މަސައްކަތް ކުރާ އޮފީހެއްވެސް ހިމެނެއެވެ.

މި ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހު 26ގައި، އަމީން ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެންނެވެ. ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ނިންމާފައި މިވަނީ 28 ދުވަހުގެ ތެރޭގައެވެ.

އުކުޅަހަކީ އާބާދީގައި ހާހެއްހައި މީހުން ދިރިއުޅެމުން އަންނަ ރެށެކެވެ. އަދި އެރަށަކީ ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަމުގެ ވިޔަފާރު ކުރަމުންއަންނަ ރަށެކެވެ. އެގޮތުން މިހާރުވެސް އެރަށުގައި 25 ގެސްޓްހައުސްގައި 600 އެނދުގެ ރަށު ފަތުރުވެރިކަމުގެ ވިޔަފާރު ކުރަމުންދެއެވެ. އުކުޅަހު ކޮންވެސްޝަން ސެންޓަރަކީ އަތޮޅުތެރޭގެ ރަށެއްގައި ހެދި މިފަދަ 2ވަނަ ކޮންވެންޝަން ސެންޓެރެވެ.