ތަރައްްޤީ

ހުވަދު އަތޮޅުގެ ރަށްތަކުން ދޫކޮށްފައިވާ ގޯތިތަކުގައި ސަރުކާރުން ގެ އަޅައިދެނީ


ހުވަދު އަތޮޅުގެ ބައެއް ރަށްރަށުން ދޫކޮށްފައިވާ ގޯތި ތަކުގައި ސަރުކާރުން ގެ އަޅައިދޭން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އަމިއްްލަ ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުގައި ގެ ނުހެި ހުރި ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކިސަރަޙައްދު ތަކުގައި ގެދޮރު ޢިމާރާތް ކޮށްދޭގޮތަށް ވަނި ނިންމާފައެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ޖުމްލަ 20،000 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވެއެވެ. އެމަޝްރޫއުގައި ހިމަނައިގެން ހުވަދު އަތޮޅުގެ 6 ރަށަކުން ދޫކޮށްފައިވާ ގޯތި ޢިމާރާތް ކޮށްދެއްވާނެ ކަން އިއުލާންކޮށްފައެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ:

  • ގއ. ކަނޑުހުޅުދޫ
  • ގއ. ކޮނޑޭ
  • ގއ. ދެއްވަދޫ
  • ގއ. ވިލިނގިލި
  • ގދ. ހޯޑެއްދޫ
  • ގދ. ފަރެސްމާތޮޑާ

މި ރަށްރަށުން ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އެޅުމަށް ހަމަޖައްސާފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅު ތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާބެހޭ އުޞޫލުގެ ދަށުންނެވެ.
އެ އުސޫލުގެ ދަށުން ގޯތީގައި އިމާރާތް ކުރުމަށް އެދޭ ފަރާތްތަކަށް ދެ ގޮތަކަށް ގެ އިމާރާތް ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އެއީ ގޯތީގައި އާދައިގެ ގެއެއް އެޅުމާއި ދެ ބުރިއަށް ގެ އިމާރާތް ކުރުމެވެ.

މި މަޝްރޫޢުގެ ދަށުން ކޮންމެ ގެއެއް އިޚްތިޔާރު ކުރިކަމުގައި ވީ ނަމަވެސް ޢިމާރާތް ކުރެވޭނީ ތިން ކޮޓަރި، ތިން ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެ ހިމެނޭ ގޮތަށެވެ. އަދި ކޮންމެ ގޮތަކަށް އިމާރާތް ކުރި ނަމަވެސް ގެތަކުގެ އިމާރާތް ކުރެވޭ ތަނުގެ ބޮޑު މިނުގެ ގޮތުގައި ހުންނާނީ 900 އަކަފޫޓު ކަމަށްވެސް އެ އުސޫލުގައިވެއެވެ.

މި މަޝްރޫއުގެ ދަށުން އަޅާ ގެތަކަށް ފައިސާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭ އިރު އިމާރާތަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްވަންދެން އެ އިމާރާތް ހުންނާނީ ރަހުނު ކުރެވިފައެވެ. އަދި އިމާރާތަށް ވަނުމަށް ޑައުން ޕޭމަންޓެއް ދައްކާކަށް ނުޖެހޭނެ އެވެ.