ރިޕޯޓް

"ރަށްވެހި އާސާރު"ން ސްކޫލް ކުދިންނަށް ހިލޭ މަޢުލޫމާތު ލިބޭނެ މަގު ފަހިކޮށްދިނުން - އާރިފް


ދިވެހިންގެ ތަރިކައާއި އާސާރު ރައްކާތެރި ކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާޞިލް ކޮށްދިނުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. ޒަމާން ބަދަލުވެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ ބޭނުން ކުރަމުން އައި އާލާތްތަކާއި ތަކެތިވެސް މިވަނީ ބަދަލުވެފައެވެ. މި ތަހުޒީބީ ޒަމާނުގައިވެސް ތަރިކަ ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ފަރުދުން ތިބި ކަމީ ފާހަގަ ކޮއްލަން ޖެހޭކަމެކެވެ.

ކުރީ ޒަމާނުގައި ދިވެހިން ބޭނުން ކުރި ތަކެތި ރައްކާތެރިކޮށް އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން އަމިއްލަ ފަރާތްތެއް ކަމަށްވާ ހދ ކުޅުދުއްފުށީ ކޮކާހަނދުވަރުގޭ ޢާރިފް ޢަލީ އިސްނަގައިގެން ކުޅުދުއްފުށީގައި "ރަށްވެހި އާސާރު"ގެ ނަމުގައި މިދިޔަ ބޮޑު އީދު ދުވަހު ވަނީ އާސާރެއް ހުޅުވާފައެވެ. މިއާސާރު އެދުވަހު ހުޅުއްވައި ދެއްވީ ކުޅުދުއްފުށީ ދެދާއިރާގެ މަޖިލިސް މެންބަރުންނެވެ.
މިއާސާރު އަދި ޢާއްމުންނަށް ހުޅުވާ ލާފައި ނުވި ނަމަވެސް މިތަނުގައި ގިނަދުވަހު ތަކެތި ބަހައްޓަން މަސައްކަތް ކުަރމުންދާ ކަމަށް ޢާރިފް ޢަލީ ކިޔައި ދިނެވެ.

މި އާސާރުގައި ކުޅުދުއްފުށްޓާއި، ރާއްޖޭގެ އެކި ރަށްރަށުގައި އެކި ޒަމާން ތަކުގައި ބޭނުން ކުރި ތަކެތި ބަހައްޓާފައި ވެއެެވެ. އެގޮތުން ޝަމްސުއްދީން ރަދުންގެ ވެރިކަމުގައި ދައުލަތުގެ ސިއްކަ ޖެހި ގުޅި ފަދަ ތަކެތި ވެސް މިއާސާރު ގައި އެބަހުއްޓެވެ. އަދި 117 އަހަރަށްވުރެ ގިނަ އަހަރުވީ ތާރީޚީ ތަކެތި ހުރިއިރު މިތަނުގައި 170 އަށްވުރެ ގިނަ ސާމާނު ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ޢާރިފް ޢަލީ ބުނިގޮތުގައި އާސާރީ ތަކެތި އެއްކުރުމަކީ ވަރަށް ކުރިއްސުރެވެސް އޭނާ ޝައުޤުވެރިވާ ކަމެކެވެ. އެހެންނަމަވެސް މިފަދަ ތަކެތި އެއްކުރުމާއި ޙިމާޔަތް ކުރުމަށް ބޮޑަށް މަސައްކަތް ފެށީ 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު މިފަދަ ތަކެތި ލައްގާފަ ހުންނަތަން ފެނުމުން ކަމަށް އޭނާ ކިޔައިދިނެވެ.

2004 ވަނަ އަހަރުންފެށިގެން ތަކެތި އެއްކުރުމުގެ މަސައްކަތް ކޮށްފައި ވާއިރު އާސާރުގައި ހުރި ގިނަ ތަކެއްޗަކީ މީހުންގެ އަތުން ގަނެފައިފައިވާ ތަކެތިކަމުގައި ބުންޏެވެ. އަދި މިތަކެތި މިގޮތަށް އާސާރެއްގެ ގޮތުގައި ފެންނަ ގޮތަށް ހުޅުވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ސްކޫލް ތަކުގެ ކުދިންނަށް މިފަދަ ތަކެތި އެއްތަނަކުން ބަލާލާ އެތަކެއްޗާބެހޭ މަޢުލޫމާތު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އޭނާ ކިޔައިދިނެވެ. ސްކޫލް ކުދިންނަށް ހިލޭ މިއާސާރު ބަލާލައި މަޢުލޫމާތު ހޯދުމަށް ފުރުޞަތު ލިބޭނެކަމަށާއި އެހެންނަމަވެސް މުސްތަޤުބަލުގައި ފަތުުރުވެރިންގެ އަތުން ކޮންމެވެސް މިންވަރެއްގެ ކުޑަ އަގެއް ނަގަން ގަސްތު ކުރާކަމުގައި އާރިފް ބުންޏެވެ.

"
"މަޤްޞަދަކީ ކުޅުދުއްފުށީ ސްކޫލްތަކުގެ ދަރިވަރުންނަށް އެއްތަނަކުން ދުވަސްވީތަކެތީގެ މައުލޫމާތު ލިބޭނެގޮތް ހަމަޖައްސައިދިނުން. އެކުދިންނަށް މައުލޫމާތު ބޭނުންވީމަ ސްކޫލްތަކުން އަޅުގަނޑާ ގުޅަންވީ މިވެނިދުވަހެއްގަ ސްކޫލުން ބޭނުމޭ މައުލޫމާތު ހޯދަންދާން. އޭރުން އަޅުގަނޑު އެކުދިންނަށް އެމައުލޫމާތު ލިބޭނެގޮތް ހަމަޖައްސައިދޭންނަން. މުސްތަގްބަލްގައި އަޅުގަނޑު ފަތުރުވެރިންނަށާއި ރަށުންބޭރު މީހުންނަށް މިތަން ބެލޭނެގޮތް ހަމަޖައްސާނަން ވީހާވެސް ކުޑަ އަގަކަށް."
"ރައްވެހި އާސާރު" ގެ ވެރިފަރާތް ހދ ކުޅުދުއްފުށީ ކޮކާހަނދުވަރު އާރިފް އަލީ

ކުޅުދުއްފުށީގައި ހުޅުވިގެންމިދިޔަ އާސާރުގެ ސަބަބުން އެރަށުގެ ރައްޔިތުންގެ އިތުރުން އެރަށަށް ޒިއާރަތް ކުރާ ފަރާތްތަކަށްވެސް މިފަދަ ތަކެތި ބަލާލައި މަޢުލޫމާތު ހޯދުމަށް މިވަނީ ރަނގަޅު ފުރުޞަތެއް ލިބިފައެވެ.