ޚަބަރު

ވިއްސާރައިގައި ލިބުނު ގެއްލުންތަށް މަރާމާތު ކުރުމުގައި އައްޑޫސިޓީ ކައުންސިލުން އެހީތެރިވަނީ


ވިއްސާރައިގައި އައްޑޫސިޓީގެ އަވަށްތަކަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އައްޑޫސިޓީ ކައުންސިލުން ބުނީ، ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. ވިއްސާރައިގައި 21 ގެއެއްގެ ފުރާޅު އެއްލާލިކަމަށް ރިޕޯޓުކޮށްފައިވާއިރު 28 ގެއެއްގެ ފުރާޅަށް ގެއްލުން ވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. އަދި ޢިމާރާތުގެ މައްޗަށް ގަސް ވެއްޓިގެން 18 ފަރާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. މީގެ ތެރޭގައި ޢިމާރާތުގެ ފުރާޅު އެއްލާލުމާ ގުޅިގެން އެތަނުގައި ދިރި ނުއުޅެވޭ ގެތައް ހުރިކަން ކައުންސިލުން ފާހަގަކުރެވެ. ކައުންސިލުން ބުނީ ވިއްސާރައިގައި ބިޔަ ގަސްތައް ވެއްޓުމާއި މިނޫން ގެއްލުންވެގެން ރިޕޯޓުކޮށްފައިވާކަމަށެވެ.

އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ އެމްއެންޑީއެފާއި، އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މިމަސައްކަތުގައި 10 ވަރަކަށް ގެއަށް ކައުންސިލުގެ ޚަރަދުގައި ސާމާނު ހޯދައި މަރާމާތު ކޮށްދީފައިވާކަމަށެވެ. އަދި ސާމާނު ބޭނުންވާ ފަރާތްތަކަށް އެކި އަވަށްތަކުން ސާމާނު ފޯރުކޮށްދީ، ފުރާޅު މަރާމާތު ކުރުމުގައި ބައެއް ފަރާތްތަކަށް އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވަގުތީ ބޯހިޔާވަހިކަން ދެ ޢާއިލާއަކަށް ފޯރު ކޮށްދީފައިވާ ކަމަށްވެސް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

ޢީދު ދުވަހުގެ ރޭގަނޑު ކުރި ވިއްސާރައިގައި އައްޑޫގެ ބައެއް ގެތަކަށް ފެންވަދެ ހިތަދުއާއި މީދޫގެ ދަނޑުބިންތަކަށް ގެއްލުންވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މަގުތަކަށާއި ބައެއް ގޭގޭގެ ގޯތިތެރެއަށް ވެއްޓިފައި ހުރި ބިޔަ ގަސްތައް ނަގައި ސާފު ކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ. މިއީ މިފަހަކަށް އައިސް ކުރި ވިއްސާރައިގައި އައްޑޫގެ އަވަށްތަކަށް އެންމެ ބޮޑަށް ގެއްލުންވި ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރު ތެރޭގައި ހިތަދުއަށް ނަގޫރޯޅިއެއް އަރައި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.