ޚަބަރު

ބޯޓް ވެއްޓުނީ ނޫންކަމަށާއި ތިލަ ހިސާބެއް ގައި ބޯޓު ޖެއްސީ، އޭ.އޭ.އޭ


ފްލައިންް ސްކޫލުގެ ބޯޓް ވެއްޓުނީ ނޫން ކަމަށާއި، ތިލަ ހިސާބެއްގައި އަމިއްލަ ކޮންޓްރޯލާ އެކު ބޯޓް ޖެއްސީ

ހުކުރު ދުވަހު ހަވީރު ވަގުތެއްގައި ހިނގި މަތިންދާ ބޯޓް ވެއްޓުނު ޙާދިސާ އާއި ގުޅިގެން ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ފްލައިން ސްކޫލު ހިންގުމާއި ހަވާލުވެ ހުންނެވި، ކެޕްޓަން ސުރަނޖަން ޑި ސިލްވާ ވިދާޅުވީ މި ޙާދިސާގައި ބޯޓު ވެއްޓުނު ކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިބޯޓު އުދުއްސާލީ އާދައިގެ މަތީން ޓްރެއިންނިންގ ބުރެއްގައި ކަމަށާއި ނަމަވެސް ވަކި ހިސާބަކުން އިންޖީން 'ޕާޝަލް ޕަވާރ ލޮސްއެއް' ދިމާވި ކަމަށެވެ. އެހިސާބުން މިބޯޓު އަނބުރައި ގަމުގެ ވައިގެ ބަނދަރަށް ދެވޭތޯ ބެލިކަމަށާއި، އެގޮތަށް އެކަން ވާން ނެތުމުން ކެޕްޓަން ބޯޓު ކޮންޓްރޯލް ކޮށްގެން ކައިރީގައި އޮތް ޝަންގްރިއްލާ ރިސޯޓާ ހިސާބުން މޫދުގެ ތިލަ ހިސާބެއްގައި ޖެއްސީ ކަމަށެވެ.

ސުރަންޖަން ވިދާޅުވީ މިބޯޓު މޫދުން ނަގަންމަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކިއެކި ފަރާތްތަކާއި، ވާހަކަ ދައްކަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެނާ ވިދާޅުވި ގޮތުގައި މިޙާލަތުގައި ބޯޓު 'ވެއްޓުން' މިބަސް ބޭނުން ކުރުން ރަނގަޅު ނޫނެވެ. އަދި ޕައިލެޓް އެވަގުތު ޢަމަލް ކުރެއްވީ މިފަދަ ޙާލަތެއްގައި ޢަމަލު ކުރަން އޮންނަ ގޮތަށް، ޕްރޮފެޝަނަލް ކަމާއެކު ކޮންޓްރޯލްޑް ލޭންޑިންގ ގައި ކަމަށް އޭނާ ފާހަގަ ކުރިއެވެ.

މިޙާދިސާގައި ބޯޓު ދުއްވަން އިނީ އައްޑޫސިޓީ މަރަދޫ އަށް ނިސްބަތްވާ، ފްލައިންގް ސްކޫލުގައި ޕައިލެޓް ޓްރެއިނިންގ ހަދަމުންދާ އަންހެން ކުއްޖަކާއި އިންޑިއާއަށް ނިސްބަތްވާ އޭނާގެ އިންސްޓްރަކްޓަރެވެ. މިޙާދިސާގައި އެއްވެސް މީހަކަށް މާބޮޑު ގެއްލުމެއް ނުވެ ވަނީ ސަލާމަތްވެފައެވެ. ބޯޓު އަޑިއަށް ދާން ފެށުމުން ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމުގައި އެހީތެރެިވެދިނީ އެސަރަޙައްދުގައި އެވަގުތު އޮތް 'ސިލްވާ ސޭންޑް' ކުންފުނީގެ ޑައިވިންގް ދޯންޏަކުންނެވެ. ބޯޓު މޫދަށް ޖެއްސި ތަނާހެން ބޯޓް އަޑިއަށް ދާން ފެށިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ބޯޓު އޮތީ 8.6 މީޓަރު އަޑީގައެވެ.

މިޙާދިސާގައި އަޑިއަށް ދިޔަ މަތިންދާ ބޯޓަކީ ފްލައިން ސްކޫލުގައި މިވަގުތު ބޭނުން ކުރަމުންދާ 3 ބޯޓުގެ ތެރެއިން އެއް ބޯޓެއްވެ. ފްލައިން ސްކޫލުން ބުނާ ގޮތުގައި ޓްރެއިނިންގް ތަކުގައި ބޭނުން ކުރާ ބޯޓުތަކުގައި ދޭތެރެ ދޭތެރެއިން މައްސަލަ ޖެހެއެވެ. އަދި އެކަންތަށް ޙައްލު ވެސް ކުރެވޭ ކަމަށެވެ.
ހުކުރު ދުވަހުގެ މިޙާދިސާ ހިނގި ގޮތް ތަހުޤީޤު ކުރާނެ ކަމަށް ސިވިލް އެވިއޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.