ރިޕޯޓް

ކުނީގެ މައްސަލަ ޙައްލު ކުރުމަށް، އެންމެ ފުރަތަމަ ހުސްކުރާނީ ކުނިގޮނޑު - ކުޅުދުއްފުށީ ކައުންސިލް


ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްފަދައިން ހދ ކުޅުދުއްފުއްޓަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނި މެނޭޖް ނުކުރެވުމުގެ މައްސަލައެވެ. އެރަށުގައި ކުނިކޮށްޓެއް ހުރިނަމަވެސް ކުނި މެނޭޖުކުރުމަށް އެކަށީގެންވާ ވަސީލަތްތަކެއް ނުވަތަ ގޮތްތަކެއް މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ.

ކުޅުދުއްފުށީ ކުނިކޮށި ހުރި ސަރަހައްދަށް ބަލާއިރު އެތަން ހުޅުވިދުވަސްވަރު، ކުނި އަޅާތަން ވަކިކުރަން ނަރު ފެންސެއްޖެހިނަމަވެސް މިހާރު އެ ފެންސްވެސް ފެންނާކަށް ނެތެވެ. ކުނިކޮށްޓަށް ޖަމާކުރާ ކުނި ނައްތާލެވޭނެ ނިޒާމެއް ނެތި އެތައް އަހަރެއް ވުމުގެ ސަބަބުން މިހާރު ވަނީ އެތަން ފުރިފައެވެ. އަދި ކުނި ކޮށީގައި އެކި ބާވަތްތަކުގެ ކުނި ވަކިކުރެވޭނެ އިންތިޒާމެއްވެސް ޤާއިމްވެފައެއް ނެތެެވެ.

ކުނި މެނޭޖް ކުރުމަށް ނުވަތަ ނައްތާލުމަށް އެރަށު ކުނިގޮނޑުގައި މިހާތަނަށް ކުރާ ހަމައެކަނި މަސައްކަތަކީ ކުނި އެންދުމެވެ. ނަމަވެސް ހުރިހާ ބާވަތެއްގެ ކުނި އެއްކޮށް އެންދުމުގެ ސަބަބުން އަރާ ދުން ރަށުތެރެއަށް ފެތުރި އާންމުންގެ ސިއްޙަތަށް އޭގެ ނޭދެވޭ އަސަރުކޮށް އާންމުންނަށް ދަތި އުނދަގޫތައް ދަނީ ދިމާވަމުންނެވެ. ޚާއްޞަކޮށް އިރުވައި މޫސުމުގައި ކުނި އެންދުމުން އަރާ ވިހަ ދުން ރަށުތެރެއަށް ފެތުރި އޭގެ އުނދަގޫ ރައްޔިތުން ތަހައްމަލްކުރަންޖެހޭލެއް ގިނައެވެ. އަދި ކުނިކޮށީގެ ސަބަބުން މެހީގެ އުނދަގޫވެސް ވަނީ ކުރިމަތިވެފައެވެ.

ކުނިކޮށި ހުންނަ ސަރަހައްދަކީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ހުންނަ ސަރަހައްދާ ކައިރިތަނަކަށް ވެފައި އެތަނަކީ ކުޑަކުދިންނާއި ޒުވާނުން އެކި ކުޅިވަރުތައް ކުޅެންދާ ތަނެކެވެ. އެހެންކަމުން ކުނި އެންދުމުން އަރާ ވިހަ ދުމާއި މެހީގެ އުނދަގޫ އެތަނުގެ ބޭނުންހިފާ ކުޑަކުދިންނާއި ޒުވާނުންނަށްވެސް ވަނީ ކުރިމަތިވެފައެވެ. އަދި މިކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަތީފް ޙަސަން ވިދާޅުވީ ކުޅުދުއްފުށީ ކުނިކޮށްޓަކީ ކުނިޖަމާކުރާތާ އެތައްދުވަހެއްވެފައިވާ ކުނިކޮށްޓެއްކަމުން އެތަނުގައި މިހާރު ހުރި ކުނިތައް ހުސްކޮށްގެން ނޫނީ އެތަން މެނޭޖް ކުރަން އެއްވެސް ކަމެއް ކުރެވެން ނެތްކަމަށެވެ. އަދި ކުނިކޮށީގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށްވެސް ދަންނަވާފައިވާކަމަށް ޢަބްދުއްލަތީފް ވިދާޅުވިއެވެ. އަދި ކުނިކޮށީގެ ކުނިތައް ހުސްކުރެވޭނެ އަގެއް ބެލުމަށް ރައީސް އޮފީހުން އެދިފައިވާތީ އެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ޢަބްދުއްލަތީފް ވިދާޅުވިއެވެ.

"
" މިހާރު ކުނިކޮށީގައި ޖަމާވެފައި އެބަހުރި ގާތްގަނޑަކަށް އެއްލައްކަ ފަނަރަހާސް ޓަނުގެ ކުނި. އެކުނިތަށް އެތަނުގައި ބަހައްޓައިގެން އެތަން މެނޭޖް ކުރާކަށް އެއްވެސް ބަޔަކަށް ފަސޭހައެއްނުވާނުވާނެ. އެހެންވެ އަޅުގަނޑުމެން ރައީސުލް ޖުމުހުރިއްޔާގެ އަރިހުން އެދުނީ އެތަނުގައި ހުރި ކުނިތަށް ހުސްކޮއްލަދިނުމަށް. ރައީސް އޮފީހުން މިހާރު އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވާފައިވަނީ އެކުނިކޮށީގައި ހުރި ކުނިތައް ހުސްކޮއްދެއްވާނެކަމުގެ. އެހެންވެ މިހާރު އެމަސައްކަތް ކުރެވޭނެ އަގެއް ބެލުމުގެ މަސައްކަތް ކުރަމުން އަޅުގަނޑުމެންމިދަނީ."
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފަ ހަސަން

ކުޅުދުއްފުށީގެ ކުނީގެ ހާލަތު މިހާވަރަށް ގޯސްވެފައިމިވަނީ ކުނިއުކާލުމުގައި އެއްވެސް ބަލާލުމެއްނެތި ހުރިހާ ބާވަތެއްގެ ކުނި އެއްތަނަކަށް އުކާލާ އެތަކެތި ނައްތާލެވޭނެ އެއްވެސް ގޮތެއް ނެތި އެތައް ދުވަހެއްވެފައިވުމުންނެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ ކުނިކޮށީގައި ހުރި ކުނިތައް ހުސްކުރެވުމުން ދެން ކުނިކޮށި މެނޭޖް ކުރަމުންދާނީ ކައުންސިލުންހަދާ ޕްލޭނަކާއި އެއްގޮތަށް ކަމަށެވެ. އަދި މިޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކައުންސިލުން ކުރައްވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"
"ކައުންސިލްގެ ވިސްނުންހުރީ ކުނިކޮށި އެއްކޮއް ހުސްކޮށްލާފަ ކުނީގެ އެކިބާވަތްތައް ވަކިކުރެވޭ ސަރަހައްދުތަކެއް ގާއިމްކޮއްފައި ކުނިއެޅޭނީ ހާއްސަކުރެވިފައިވާ ސަރަހައްދުތަކަށްކަމަށް ކަނޑައެޅުން. މުޅިން ޕްލޭން އަދި އެއްކޮށް ނިންމައެއް ނުލެވޭ. އަޅުގަނޑުމެންމިދަނީ މަޝްވަރާކުރަމުން. ކުނިކޮށީގައި ހުރި ކުނިތައް ހުސްކޮށްލެވެންވާއިރަށް އަޅުގަނޑުމެން މަސައްކަތް ފަށައިގަނެވޭވަރަށް ޕްލޭން ނިންމާލާނަން."
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަތީފް ހަސަން

ކުޅުދުއްފުށީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން މަސައްކަތްކުރަމުންދާއިރު، އެންވާރަމެންޓް މިނިސްޓްރީން މިހާރު ވަނީ ރައްކާތެރިގޮތުގައި ކުނި އެންދުމަށް އެރަށަށް 4 ޓަނުގެ އިންސިލިނޭޓަރެއް ހަދިޔާކޮށްފައެވެ. އަދި މި އިންސިލިނޭޓަރ ކުޅުދުއްފުށީ ކުނިކޮށްޓަށް ގެންގޮސް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް މިހާރު ވަނީ އިޢުލާނުކޮށްފައެވެ.

މިނިސްޓްރީ އޮފް އެންވަަޔާރުމަންޓުން މިމަހުގެ 8 ވަނަ ދުވަހު ކުރި އިޢްލާނެއްގައިވަނީ ސާފުރާއްޖެ އިނީޝިއޭޓިވްގެ ދަށުން، ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ކުނިމެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ހދ. ކުޅުދުއްފުށީ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކޮށްދިނުމާއި އެރަށުގައި ވޭސްޓް މެނެޖްމަންޓް ސެންޓަރެއް ޤާއިމް ކުރެވޭއިރު އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

މި އިންސިލިނޭޓަރ ކުޅުދުއްފުއްޓަށް ގެނެސް ކުނިކޮށީގައި އިންސްޓޯލްކުރެވުމުންވެސް ކުޅުދުއްފުށީގެ ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެކަމަށް ބެލެވެއެވެ.

ކުނި މެނޭޖް ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރެވި ކުނީގެ ސަބަބުން މިހާރު މިދިމާވާ މައްސަލަތަކަށް ހައްލެއް ލިބުމަކީ ކުޅުދުއްފުށީގައި ދިރިއުޅެމުންދާ 12000 ވުރެ ބޮޑު އާބާދީގެ އެންމެ ބޮޑު އެއް އުންމީދެވެ.