ވިޔަފާރި

ހުޅުމާލޭގައި އަލަށް ހެދި ރަށު މާރުކޭޓަށް މާބޮޑު ޑިމާންޑެއް ނެތް


ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ރަށު މާރުކޭޓަކީ ހުޅުމާލެގޭ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް އެއްތަނަކުން މޭވާއާއި ތަރުކާރިއާއި މަހުގެ ބާވަތްތަކާއި ދިވެހި އުފެއްދުންތައް ލިބޭނެގޮތް މަގުފަހިކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ޤާއިމްކޮށްފައިވާ މާރުކޭޓެކެވެ.

މާރުކޭޓުގެ ގޮޅިތައް ވިޔަފާރިވެރިންނާއި ހަވާލުކުރުމަށްފަހު މާރުކޭޓުން ވިޔަފާރިކުރުމަށް އެޗްޑީސީން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ވިޔަފާރިވެރިންނާއި އެޗްޑީސީއާއި ދޭތެރޭ ވެފައިވާ އެއްބަސްވުމުގެ ދަށުން ގޮޅި ދޫކުރާތާ 15 ދުވަސްތެރޭ ވިޔަފާރިކުރަން ފަށަން ޖެހެއެވެ. އެހެންނަމަވެސް، ގޮޅި ދޫކޮށްފައިވާ 42 ފަރާތްތަކުގެ ތެރެއިން ވިޔަފާރިކުރަން ފަށާފައިވަނީ މަދު ބަޔެކެވެ.

ސަބަބަކަށް ވިޔަފާރިވެރިން ދެއްކީ ހުޅުމާލޭގެ ވަގުތީ މާރުކޭޓުގައި ވިޔަފާރިކުރަމުންދިއުމާއެކު އަލަށް ހަދާފައިވާ ރަށު މާރުކޭޓަށް އެކަށީގެންވާ ވަރަށް ކަސްޓަމަރުން ނުލިބުމެވެ. އެހެންކަމުން، ހަލާކުވާ ޒާތުގެ ކާނާ މާރުކޭޓުގައި ވިއްކުމަކީ ލިބޭ ގެއްލުމެއްކަމަށް ގިނަ ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަހުމަދު ވިދާޅުވީ ރަށު މާރުކޭޓަށް ކަސްޓަމަރުން ލިބުމުގައި ދަތިވަނީ ހުޅުމާލޭ ވަގުތީ މާރުކޭޓުން މިހާރުވެސް ވިޔަފާރި ކުރަމުން ދިއުމުގެ ސަބަބުންނެވެ.

ސުހެއިލް ވިދާޅުވީ ވަގުތީ މާރުކޭޓުގެ އޮގަސްޓުމަސް ނިމުމުން ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށާއި މި ތާރީޚުގެ ފަހުން ރަށު މާރުކޭޓުގެ ވިޔަފާރި ރަނގަޅުވާނެކަމަށެވެ. އެހެންކަމުން ގޮޅިތައް ދޫކޮށްފައިވާ ފަރާތްތަކަށް ވިޔަފާރި ފެށުމުގެ މުއްދަތު އޮގަސްޓުމަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ރަށުތެރޭގައި އިން ވަގުތީ މާރުކޭޓު އިނީ އޮގަސްޓުމަހުގެ ނިޔަލަށް ހިންގުމަށް ހަވާލުކޮށްފަ. މިހެން ވުމާއެކު ރަށު މާރުކޭޓަށް ކަސްޓަމަރުންނެއް ނުލިބޭ. އެހެންވެ އަޅުގަނޑުމެން މި ބަލަނީ ރަށު މާރުކޭޓުން ވިޔަފާރި ފަށަން ދީފައި އިން މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކުރުމަށް. ދެން އެހެންނޫނިއްޔާ ވާނެގޮތަކީ، މިކޮޅަށް ކަސްޓަމަރުންނެއް ނުލިބޭ. ވަގުތީ މާރުކޭޓު އޮގަސްޓުމަސް ނިމުމުން ބަންދުވުމާއެކު ރަށު މާރުކޭޓު ވެގެންދާނެ ހުޅުމާލޭގެ މައި މާރުކޭޓަށް އަދި އިރާދަކުރެއްވިއްޔާ ކަސްޓަމަރުންވެސް ލިބިގެންދާނެ." ސުހެއިލް ވިދާޅުވިއެވެ.

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ވަގުތީ މާރުކޭޓު އެތަނުން ނެގުމާއެކު އެތަނުގައި ވިޔަފާރީގެ ބޭނުމަށް ޚާއްސަ ތަނެއް އެޅުމުގެ ވިސްނުން ގެންގުޅޭކަމަށް ސުހެއިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެތަން ހުޅުވާލާނަން ކޮމާޝަލް ބޭނުމަކަށް. ކުރިއަށް ވެސް ޕްލޭންކޮށްފައި ވަނީ." ސުހެއިލް ވިދާޅުވިއެވެ.

ދިވެހި އުފެއްދުންތައް ވިއްކުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މި މާރުކޭޓުގައި ޖުމްލަ 57 ގޮޅި ހިމެނެއެވެ. ގޮޅިތައް ދޫކޮށްފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި މޭވާ، ތަރުކާރީ އަދި ކާބޯތަކެތީގެ އުފެއްދުންތަކަށް ޚާއްސަ 37 ގޮޅިއާއި ރޯމަހުގެ ބާވަތްތައް ވިއްކުމަށް 20 ގޮޅި ހިމެނެއެވެ. މި ގޮޅިތަކުގެ ބޮޑުމިނުގައި 80 އަކަ ފޫޓު ހުރެއެވެ.

މާރުކޭޓު ފަރުމާކޮށްފައިވަނީ މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ދިވެހި އުފެއްދުންތައް ވިއްކުމަށް ޙާއްސަކުރެވިފައިވާ ގޮޅިތަކެއްގެ އިތުރުން، ރޯމަސް ވިއްކުމަށް ޙާއްސަ ގޮޅިތަކެއް ހިމެނޭގޮތަށެވެ.