ތަރައްްޤީ

ފުވައްމުލައް ސިޓީގެ ރިންގްރޯޑު ހެދުމުގެ މަސައްކަތް އަންނަ ނޮވެމްބަރުމަހު ނިންމާލެވޭނެ - އެމްޓީސީސީ


ފުވައްމުލައް ސިޓީ ރިންގްރޯޑު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ރިންގްރޯޑު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗުމަހުގެ 27ވަނަ ދުވަހުއެވެ. އަދި ރިންގްރޯޑު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ އޭޕްރީލްމަހުގެ 17ވަނަ ދުވަހުއެވެ.

މިމަޝްރޫޢާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް އަޙްމަދު ލަޠީފު ވިދާޅުވީ، ފުވައްމުލައް ރިންގްރޯޑުގެ މަސައްކަތް 2020ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ނިންމުމަށް ހަވާލުކޮށްފައިވީނަމަވެސް އޭގެ ކުރިން އެ މަސައްކަތް ނިންމުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ލަޠީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއި ހަވާލުކޮށްފައިވާ މަގުހެދުމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެ މަޝްރޫޢު އެއީ ފުވައްމުލައް ރިންގްރޯޑު. އެ މަޝްރޫޢު ނިންމުމަށް 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް މިވަނީ އަޅުގަނޑުމެންނަށް މުއްދަތުދީފައި. ނަމަވެސް އަޅުގަނޑުމެންގެ ޓާގެޓަކީ އެއަށްވުރެ ކުރިން އެ މަސައްކަތް ނިންމުން. މި އަހަރުގެ ނޮވެމްބަރަށް އެ މަސައްކަތް ނިންމުން އެއީ މިހާރުގެ ޓާގެޓަކީ" - އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އަޙްމަދު ލަޠީފު ވިދާޅުވިއެވެ.

ފުވައްމުލައް ރިންގްރޯޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 24300 ސްކޮއަރ މީޓަރުގެ ސަރަހައްދެއް ތާރުއަޅާގެން ހެދުމަށް ހަމަޖެހިފައިވާއިރު، ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް އިންސްޓޯލްކުރުމަށް ވަނީ ނިންމާފައެވެ. އަދި 123 ލެޑް ލައިޓް ހަރުކޮށް، ރޯޑް މާކިންގްތަކާއި، ސްޕީޑް ބްރޭކަރުތައްވެސް ހަރުކުރެވިގެންދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ. މިއީ ދަޢުލަތުގެ ބަޖެޓުން 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއެވެ. ފުވައްމުލައް ސިޓީ ރިންގްރޯޑު ތަރައްޤީކުރުމުގެ އިތުރުން އެ ސިޓީގެ އެތެރޭގެ މަގުތައް ހިމެނޭހެން 16 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.