ޚަބަރު

ރާއްޖޭގެ އިންޓަރނެޓްގެ އަގު ހެޔޮކުރުމަށްޓަކައި، 26 ޤައުމެއްގެ އިންޓަރނެޓް ޚިދުމަތް ދިރާސާކޮށްފިން - މަލީހު


ރާއްޖޭގެ އިންޓަރނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތުގެ ދަށުން 26 ޤައުމެއްގެ އިންޓަނެޓްގެ އަގުތަށް ދިރާސާކޮށްފައިވާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަލީހް ވިދާޅުވީ އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް ވަގުތު ނަގަނީ، މިއީ ގިނަ ބަޔަކާ ގުޅިފައިވާ މަސައްކަތަކަށްވާތީކަމަށެވެ.

މީޑިއާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަލީހު ޖަމާލު ވިދާޅުވީ އިންޓަރނެޓް އަގު ހެޔޮކުރުމުގެ މަސައްކަތަށް މަޑުޖެހުމެއް ނުގެންނަކަމަށެވެ. އެގޮތުން ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތްތައްދޭ ކުންފުނިތަކާއި، އަދި މިކަމާގުޅިގެން މިނިސްޓްރީން ކުރަމުމުންގެންދާ މަސައްކަތްތައް ރައީސް އޮފީހުގެ ޕޮލިސީ އޮފީހާއި، ރައީސާވެސް ޙިއްސާކުރަމުންދާ ކަމަށެވެ.

މިހާހިސާބަށް މި މަސައްކަތަށް ލިބުނު ކުރިއެރުމާ ގުޅޭގޮތުން މިނިސްޓަރ މަލީހު ވިދާޅުވީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށްދަނީ ކަމާއި ގުޅޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ރާއްޖެފަދަ ޖަޒީރާ ގަޢުމުތަކާއި، ދުނިޔޭގައި ކޮމިއުނިކޭޝަން ދާއިރާ ކުރިއަރާފައިވާ ޤައުމުތައް ހިމެނޭހެން 26 ޤައުމެއް މިހާތަނަށް ދިރާސާ ކޮށްފައިވާކަމަށެެވެ. މި ދިރާސާއިން މިހާތަނަށް ދެއްވި ގޮތުގައި ރާއްޖެއަކީ އިންޓަރނެތްގެ އަގު ބޮޑު ޤައުމެއްގެ ގޮތުގައި ފާހަގަވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އިންޓަރނެޓްގެ އަގު ބޮޑުވާން ދިމާވާ ސަބަބުތައް ގިނަކަމަށެވެ. އަދި އަގުތައް ހެޔޮކުރުމުގައި ގިނަ ގޮންޖެހުންތައް ހުރިކަން ޓެލޮކޮމިއުނިކޭޝަން ކުންފުނިތަކުން ފާހަގަކުރާކަމަށެވެ.

މީގެތެރޭގައި ބައެއް ކުންފުނިތަކަކީ %100 ރާއްޖޭގައި ޙިއްސާ އޮންނަ ކުންފުންޏަށް ނުވުމާއި، ޖަޒީރާ ރަށްތަކެއްގެމައްޗަށް ރާއްޖެ އެކުލެވިފައި ވުމުން، މެއިންޓަނަންސްއަށް ބޮޑެތި ޚަރަދުތައް ހިނގުމާއި، ކުންފުންޏަށް ފައިދާވާ މިންވަރު ކުޑަވުން ހިމެނޭކަމަށެވެ. އަދި ޓެކްނޮލިޖީއަށް ގެންނަ ބޮޑެތި ބަދަލުތައް ރާއްޖެއަށް ގެނައުމަށް ބޮޑެތި ޚަރަދުތަކެއް ހިންގާކަމަށްވެސް މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކުންފުނިތަކުގެ މެދުގައި ވާގިވެރިކަން ނެތުމަކީވެސް އަގުތައް ކުޑަކުުރުމަށް އޮތް ހުރަހެއްކަމަށެވެ. ސަރުކާރުން ކުރާ މަސައްކަތްތަކަކީ ޢާއްމުންނަށް ފައިދާ ހޯދައިދިނުމުގެ އިތުރުން، ކުންފުނިތަކަށްވެސް ގެއްލުން ނުވާނެހެން ބައްޓަންކުރާ މަސައްކަތްކަށް ހައްދަވާނެކަމަށް މަލީހް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންޓަރނެޓްގެ އަގު ހެޔޮވެއްޖެނަމަ އޭގެ ފައިދާ ޢާއްމުންގެ އިތުރުން ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށްވެސް ބޮޑުކަމަށެވެ. އެގޮތުން އިންޓަރނެޓްގެ އަގުހެޔޮވެ ޚިދުމަތަށް އޮންނަ ޑިމާންޑް ބޮޑުވުމުން، ކުންފުނިތަކަށް ލިބޭ ޢާމްދަނީ ބޮޑުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންނޓަނެޓްގެ އަގުހެޔޮކުރުމުގެ މަޝްވަރާތައް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެެވެ.