ޚަބަރު

މޮރީޝަސްއިން އައި.އޯ.އައި.ޖީ 2023 ރާއްޖޭގައި ބޭއްވުމުގެ ބިޑަށް ތާޢީދުކޮށްފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ރާއްޖޭގައި ބޭއްވުމުގެ ބިޑަށް ތާޢީދުކުރާކަން މޮރީޝަސްއިން ހާމަކޮށްފިއެވެ.

މޮރީޝަސްއިން މިކަން ހާމަކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުންގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް މޮރީޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގްނައުތުގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފު މޮރިޝަސްއަށް ކުރައްވާ މި ދަތުރުފުޅަކީ 2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރުން ކުރި ބިޑަށް ތާޢީދު ހޯއްދެވުމުގެ ގޮތުން ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މޮރީޝަސްގެ ބޮޑު ވަޒީރު ޕްރަވިންދް ޖުގްނައުތުގެ ރަސްމީ އޮފީހުގައި އޮތް ބައްދަލުކޮށްލެއްވުމުގައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުވަނީ ސީޝެލްސްގެ ރައީސަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ރަސްމީ ސިޓީފުޅެއް އަރުވާފައެވެ. މިބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރާއެކު މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފުވެސް ބައިވެރިވެޑައިގަންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި މޮރީޝަސްއާއި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކިދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މީގެއިތުރުން 2023ގެ އައި.އޯ.އައި.ޖީ ބޭއްވުމަށް ރާއްޖެއިން ކޮށްފައިވާ ބިޑަށް ތާޢީކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން މޮރީޝަސްގެ ބޮޑުވަޒީރު ދެއްވިއެވެ.

2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިންކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުންގެ ގޮތުގައި މިނިސްޓަރ ޝާހިދާއި މިނިސްޓަރ މަޙުލޫފު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސީޝެލްސް، މޮރީޝަސް އަދި ކޮމޮރޯސްއަށް ވަނީ ވަޑައިގެންފައެވެ.

މޮރީޝަސްގެ ބޮޑު ވަޒީރު އަރިހަށް ކުރެއްވި ޒިޔާރަތަށްފަހު ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުންގެ ގޮތުގައި މޮރީޝަސްއަށް ވަޑައިގެންނެވި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މިބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއްކަމަށް ސިފަކުރައްވާފައެވެ. ރާއްޖެއަކީ ވޭތުވެދިޔަ 10 އަހަރު އައިއޯއައިޖީގައި ބައިވެރިވެފައިވާ ޤައުމެއްކަން ފާހަގަކުރައްވައި ރާއްޖޭގެ ވަޒީރުންވަނީ 2023ވަނަ އަހަރު ރާއްޖެއަށް އައިއޯއައިޖީ ހޯސްޓްކުރަން ލިބިއްޖެނަމަ ރާއްޖެއިން ފުރިހަމަ އައިއޯޖީއެއް ގެނެސްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދާއި މިނިސްޓަރ މަޙުލޫފުވަނީ މޮރީޝަސްގެ ޔޫތް މިނިސްޓަރ ޖީން ކްރިސްޓޯފް އަދި މޮރީޝަސް އޮލިމްޕިކް ކޮމިޓީގެ ރައީސް ފިލިޕް ހައު ތިން އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އައިއޯއަޖީ 2019އަށް މޮރީޝަސް ވެފައިވާ ތައްޔާރީތަކުގެ މަޢުލޫމާތު ދިވެހި ވަފުދަށް މޮރީޝަސްގެ އިސް ފަރާތްތަކުން ދެއްވިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތަކުން ރާއްޖެއިން މެޑަލެއް ހޯދި ފުރަތަމަ މުބާރާތެވެ. އަދި މިއީ ރާއްޖޭގެ ގިނަ ކުޅިވަރުތަކުން ބައިނަލްއަޤްވާމީ މައިދާނުގައި ފުރަތަމަ ފަހަރަށް ވާދަކުރި ގޭމްސްކަންވެސް ފާހަގަކޮށްލެވެއެވެ. ރާއްޖެއިން މުބާރާތް ބޭއްވުމަށް ބިޑް ކުރުމާއި ގުޅިގެން އިންޓަނޭޝަނަލް ކައުންސިލް އޮފް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސްވެރިންވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން، ރާއްޖޭގައި މުބާރާތް ބޭއްވުމަށް ބަލަންޖެހޭ ކަންކަން ބަލައި މޮނީޓަރ ކުރައްވާފައެވެ.

2023ވަނަ އަަހަރު އައިއޯއަޖީ މުބާރާތް ބާއްވާނެ ޤައުމެއް އިއުލާން ކުރާނީ މިއަހަރު މޮރީޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފަހުގައެވެ.