ޚަބަރު

މަތީ ތަޢުލީމާއި ތަމުރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ހުރިހާ ޖާގައަކަށް ކުދިން ނަގައިފި


މަތީ ތަޢުލީމާއި ތަމުރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ހުޅުވާލި ހުރިހާ ޖާގައަކަށް ކުދިން ނަގާފައިވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިފަހަރަކީ މަތީ ތަޢުލީމާއި ތަމުރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ހުރިހާ ސްލޮޓްތަކަކަށް ކުދިން ހޮވުނު ފުރަތަމަ ފަހަރުކަމަށެވެ.

މަތީ ތަޢުލީމާއި ތަމުރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ދެވަނަ ފުރުޞަތުގެ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ހަސަން ވިދާޅުވީ، ލޯނަށް އެދުމަށް ހުޅުވާލި ފުރަތަމަ ފުރުސަތާ ޚިލާފަށް މިފަހަރު ލޯނަށް އެދި ހުށަހެޅި އެޕްލިކޭޝަންތަށް ފުރިހަމަކަން ފާހަގަކުރެވިފައިވާކަމަށެވެ.
ފުރަތަމަ ފަހަރު ފުރުސަތު ހުޅުވާލިއިރު ގިނަ ދަރިވަރުންގެ އެޕްލިކޭޝަންގައި ހުރި މައްސަލަތަށް ފާހަގަކޮށް މި ފަހަރުގެ ފުރުސަތު ހުޅުވާލިއިރު ޢާންމުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީން އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން 21 ޖޫންގެ ކުރިން ހުށަހެޅި އެޕްލިކޭޝަންތައް ބެލުމަށްފަހު ފުރިހަމަކުރަންޖެހޭނަމަ، އެކަން، މަސައްކަތު ތިން ދުވަހުގެ ތެރޭގައި އަންގާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން މަތީ ތަޢުލީމާއި ތަމުރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ހުޅުވާލި ހުރިހާ ސްލޮޓްތަކަކަށް ކުދިން ނަގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަތަމަ ފުރުސަތުގައި 163 ޖާގަ ސްލޮޓް ދީފައިވާއިރު 79 ސްލޮޓް އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ހުޅުވާލާފައިވާއިރު، 84 ސްލޮޓް ކިޔަވާ ދަރިވަރުންނަށް ދީފައިވާނެ. މިފަހަރު ކުރިންވެސް އިނގިލައްވާނެފަދައިން ވަރަށް ފުރިހަމަ އެޕްލިކޭޝަންތަކެއް ލިބިފައިވޭ. އެގޮތުން 960 އެޕްލިކޭޝަން ލިބިފައިވަނީ." މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވަނީ މިއަހަރުގެ ފަހުކޮޅު އިތުރު ލޯނުގެ ފުރުސަތަކަށް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެހާތަނަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިނިސްޓަރީއިން މަސައްކަތް ކުރަމުންދާއިރު އެ ފުރުސަތުގައި ލޯނަށް ދޫކުރާނެ ސްލޮޓްތަކުގެ ޢަދަދު އަދި ކަނޑައަޅާފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިފަހަރާވެސް އެއްގޮތަށް ނޮވެމްބަރުގެ ލޯންގެ ފުރުސަތުގައި އޯޕަން ކެޓަގަރީން ލޯނަށް ހުޅުވާލާއިރު، ސަރުކާރުގެ ތަރައްޤީގެ ޕްލޭނަށް ބޭނުންވާ ދާއިރާތަކަށް އިސްކަން ދިނުމަށް ނިންމާފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް އިނގޭ ކޮންމެ ފަރާތަކުންވެސް ބޭނުންވާ ދާއިރާއަކުން ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުން މުހިންމު. އެގޮތުން އޯޕަން ކެޓަގަރީ މިއޮންނަނީ އެހެނަމަވެސް އެއަށްއޮންނަ ސްލޮޓް މަދުވާނެ. އަޅުގަނޑުމެން އެހެނަސް ސަރުކާރުގެ ތަރައްޤީގެ ޕްލޭނަށް ބޭނުންވާ ދާއިރާތަކަށް އިސްކަން ދެން." މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ލޯނަށް ހޮވުނު ފަރާތްތަކުގެ މަޢުލޫމާތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ޝާއިޢުކޮށްފައެވެ. އެގޮތުން ވެބްސައިޓުން ފޯމު ހުށަހެޅި ފަރާތްތައް ހޮވުނު ދާއިރާތަކާއި، ހޮވުނު ޢަދަދާއި، ނުހޮވުނު ފަރާތްތައް ނުހޮވުނު ސަބަބު ބަޔާންކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވިއެވެ.