ކުޅިވަރު

ޒަވީ އައުމަށްފަހު ބާކީ ކޮށްލީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ


  • ޑެޕާއީ އަކީ ޤައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ

  • ޑެޕާއީ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 55 ގޯލު ޖަހައިދީފައި

ކޯޗު ޒަވީ ހަނާންޑޭޒް ފުރަތަމަ ފަހަރަށް އެކުލަވާލި ނެދަލޭންޑްސްގެ ގައުމީ ސްކޮޑުން ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ މެމްފިސް ޑެޕާއީ ބާކީ ކޮށްފިއެވެ.

ކުރީގެ ކޯޗު ރޮނަލްޑް ކޫމަން ވަރަށް ބޮޑަށް އިތުބާރު ކުރި އަދި ގަވާއިދުން ޓީމުގައި ހިމަނަމުންދިޔަ ޑެޕާއީ ވަނީ މިހާތަނަށް ގައުމީ ޓީމަށް 55 ގޯލު ޖަހައިދީފައެވެ. ކުރިން ސްޕޭނުގެ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅުނު ފޯވަޑް މިހާރު ކުޅެމުންދަނީ ބްރެޒިލްގެ ކޮރިންތިއަންސްގައެވެ. ޑެޕާއީ އެންމެ ފަހުން ގައުމީ ޓީމަށް ގޯލެއް ޖެހީ ވޯލްޑް ކަޕް ކޮލިފައިންގައި 2025 ވަނަ އަހަރު ޕޮލެންޑާ ދެކޮޅަށެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީ އެކުލަވާލި ސްކޮޑުން ދެން ޖާގަ ނުލިބުނީ ޓުވެންޓޭގެ ވެގްހޯސްޓާއި ބާސެލޯނާގެ މިޑްފީލްޑަރު ފްރޭންކީ ޑިޔޮންގްއެވެ. މީގެ ތެރެއިން ޑިޔޮންގެ މިވަގުތު ހުރީ އަނިޔާގައެވެ.

ޒަވީ އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނި އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ ރުބެން ވެން ބޮމެލްއެވެ. އޭނާ އަކީ ނެދަލޭންޑްސްގެ ކުރީގެ މިޑްފީލްޑަރު މާލް ވެން ބޮމެލްގެ ދަރިފުޅެވެ. މީގެ އިތުރުން އަރަމުން އަންނަ ޒުވާން މިޑްފީލްޑަރު ޖިވައިޒް ސެކިއެލް ހިމެނެއެވެ. އޭނާ ވަނީ މި ސީޒަނުގައި ފެނޫޑަށް ފަސް ގޯލު ޖަހައިދީފައެވެ.

ކޫމަންގެ ބަދަލުގައި ނެދަލޭންޑްސްގެ ކޯޗުކަމަށް ޒަވީ ހަމަޖެއްސުމުން އެނާ ވީ، 48 އަހަރު ތެރޭގައި ނެދަލޭންޑްސްގެ ގައުމީ ކޯޗުކަމަށް ހަމަޖެއްސި ފުރަތަމަ ގައުމުން ބޭރު މީހާއަށެވެ.

ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ނެދަލޭންޑްސް ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޖަރުމަނާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ބަލްގްރޭޑްގައި ސާބިއާއާ ދެކޮޅަށް ވެސް ކުޅޭނެއެވެ. މިއަށް ފަހު އޮކްޓޫވަރު މަހުގެ އެއްވަނަ ދުވަހު ގްރީސްއާ ދެކޮޅަށް ކުޅުމަށް ފަހު އަމިއްލަ ދަނޑުގައި އޮކްޓުބަރު ހަތަރެއްގައި ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ.