ކ.ތުލުސްދޫއަކީ އާބާދީގައި 1600 މީހުން ރެޖިސްޓަރކޮށްފައިވާ ރަށެކެވެ. ނަމަވެސް ބާރު ދުވެލީގައި ކުރިއަރަމުން އަންނަ ރަށު ފަތުރުވެރިކަމުގެ ސިނާއަތާއެކު، ތުލުސްދޫގައި ދިރިއުޅޭ އާބާދީ 3000ވުރެ އިތުރުވެ. 48 ގެސްޓްހައުސް ހިންގާއިރު، އެއީ 580 އެނދެވެ. މާލެ ކައިރި ރަށަކަށްވުމާއެކު، އެ ރަށަކީ ކުރިއަރާ ދިއުމަށް ފަހި ރަށެކެވެ.
ތުލުސްދޫއިން 2014ވަނަ އަހަރު ވަނީ 33 ހެކްޓާރުގެ ބިން ހިއްކާފައެވެ. މިއާއެކު 35 ހެކްޓަރުގެ އެ ރަށުގެ ބިމުގެ ޖާގަ، 68 ހެކްޓަރަށް ވަނީ އިތުރުވެފައެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ ތުލުސްދޫ ކައުންސިލް އަދި ރައްޔިތުންވެސް ބޭނުންވަނީ ރަށަށް ކުރިއެރުން ލިބޭނެ ކޮންމެ ފުރުޞަތަކަށް މަރުޚަބާކިޔުމަށްކަމަށެވެ. އެގޮތުން މުލަކަތޮޅު ރަތްމަންދޫގެ ރައްޔިތުން މާލެ ކައިރި ރަށަކަށް ހިޖުތަކުރަން ހުށައެޅުމުން، އެކަމަށް ތުލުސްދޫއިން އިސް ނެގީ، ބޮޑު އާބާދީއަކާއެކު ތަރައްޤީގެ އިތުރު ދޮރުތައް ރަށަށް ހުޅިވިގެންދާނެކަމަށް ޤަބޫލުކުރާތީކަމަށެވެ.
ތުލުސްދޫ ކައުންސިލާއި ރަތްމަންދޫ ކައުންސިލްގެ މަޝްވަރާއާއެކު، ބިނާރާ ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ ރަތްމަންދޫގެ ރައްޔިތުން ހިޖުރަކުރާ ރަށެއްގެ ގޮތުގައި ތުލުސްދޫ ކަނޑައަޅާފައެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް ވިދާޅުވީ ބަދަލުވާ އާއިލާތަކަށް ބޭނުންވާ ގެދޮރު ބިނާކުރުމަށް 2000 އަކަފޫޓުގެ 44 ބިން، ތުލުސްދޫއިން ރަސްމީކޮށް ހަމަޖައްސާފަވާކަމަށެވެ. މި ގެތަށް އެޅުމާއި ގުޅޭ މަސައްކަތްތައް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުންފުޏަކާ ހަވާލުކޮށް، އެކަމާ ގުޅޭ މަސައްކަތް ދަނީ ކުރަމުންނެވެ. ރަތްމަންދޫގެ 240އަށް އެރިނަމަވެސް، ރަށުގައި އުޅެނީ 80ވަރަކަށް މީހުންނެވެ.
އަސްލަމް ވިދާޅުވީ، އާބާދީ އިތުރުކޮށް، ރަށަށް އިތުރު ފުރުޞަތުތައް ހޯދުމަކީ ރަށުގެ ރައްޔިތުން އެކަމަށް ވަރަށް ބޮޑަށް އެދޭ ކަމެއްކަމުގައެވެ.
އާބާދީ އިތުވުމަކީ ރަށުގެ ރައްޔިތުންގެތެރޭގައި ހުނަރުވެރިން އިތުރުވުމާއި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މަސައްކަތްކުރާނެ ބަޔަކު އިތުރުވެގެންދިއުމުގެ އިތުރަށް، ރަށުގައި ވިޔަފާރިތައް އިތުރުވެ ފުދުންތެރި ދިރިއުޅުމަކަށްވެސް މަގުފަހިވާނެ ކަމެއް ކަމަށެވެ. މީގެއިތުރުން ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މަޝްރޫޢުތައްވެސް ރަށަށް އިތުރުކުރުމަށް ލިބޭނެ އިތުރު ފުރުޞަތެއްގެ ގޮތުގައެވެ.
ސަރުކާރުން ކުރާ މަސައްކަތްތަކުގެ އިތުރުން، މިކަމަށް މަގުފަހިކުރުމަށް ކައުންސިލުން އިސްނަގައިގެންވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ރަށުގެ ސްކޫލްގެ ޖާގަ އިތުރުކުރުމަށް 15 ކްލާސްރޫމްގެ އިމާރާތެއް ކައުސިލްގެ ޚަރަދުގައި ދަނީ އަޅަމުންނެވެ. އަދި ރަށުގައި އޭ ލެވެލްއަށް ކިޔެވޭނެ ފުރުޞަތު ފަހިކުރުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެރަށުގައި މިވަގުތު ތަޢުލީމު ޙާސިލްކުރަނީ 290 ދަރިވަރުންނެވެ. ނަމަވެސް އާބާދީ އިތުރުވެ، ރަށުގައި ތިބެގެން ކިޔެވޭނެ މަގު ފަހިވުމަކީވެސް، ރަށުގައި އާބާދީ ހިފެހެއްޓުމަށް ލިބޭ އިތުރު ފުރުޞަތެއްކަމަށް ކައުންސިލުން ދެކެއެވެ.
ތުލުސްދޫއަކީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިއަށްގެންދާ ރަށެކެވެ. އެގޮތުން އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމާއި، ރަށުގެ މަގުތައް ތާރު އަޅާ ތައްޤީކުރުމާއި އާ އިންޖީނުގެއާއި ފުލުހުންގެ މަރުކަޒާއި އަދި ފިޓްނެސް އެންޑް ރެކްރިއެއޭޝަން ސެންޓަރުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.