ޚަބަރު

ޕާކިންގް ސްޓިކަރ ޖެހި ވެހިކަލްގެ އަދަދު 35 އިންސައްތަ ދަށަށް


ނިމިދިޔަ ދިޔަ ހަފްތާގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްގެން ޕާކިން ސްޓިކަރ ޖެހި ވެހިކަލްގެ އަދަދު 35 އިންސައްތަ ދަށްވެއްޖެއެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު ފުލުހުން އާއްމުކުރަމުން އަންނަ ތަފާސް ހިސާބުތައް ދައްކާގޮތުން ޤަވައިދާ ހިލާފަށް ޕާކުކޮށްގެން ޖޫންމަހުގެ 29ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 865 އުޅަނދެއްގައިވަނީ ސްޓިކާ ޖަހާފައެވެ. މިއީ އޭގެ ކުރީގެ ހަފްތާގައި ޤަވައިދާއި ޚިލާފުވެގެން ސްޓިކަރ ޖެހި 1350 ޕާކިންްގް ސްޓިކަރ އާއި އަޅާ ބަލާއިރު 485 ސްޓިކަރ މަދު އަދަދެކެވެ.

ޤަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދު ފަހަރަކުތަކުން ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250 ރުފިޔާއިންނެވެ. ދެވަނަ ފަހަރު އެ އަދަދު 500 ރުފިޔާއަށް އިތުރުވެއެވެ. އަދި އޭގެ ފަހުން ޖަހާ ކޮންމެ ފަހަރަކަށް 750 ރުފިޔާ ނަގައެވެ.

ނިމިދިޔަ ހަފްތާގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްގެން ޕާކިން ސްޓިކަރ ޖެހި ވެހިކަލްގެ އަދަދު މަދުވެފައިވާއިރު، ޤަވާއިދާއި ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހާ މައްސަލަ ސީރިއަސް މައްސަލެއްގޮތުގައި ބައްލަވާ އެކަމަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދެއްވާފައެެވެ.


ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި ހިނގި އެކްސިޑެންޓްގެ އަދަދު ވަނީ 52 އަރާފައެވެ. އަދި މި އެކްސިޑެންޓްތަކުގައި 04 މީހަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ.

މިދިޔަ ހަފްތާގައި ފުލުހުން ވަނީ 323 އުޅަނދެއް ބަލާ ފާސްކޮށްފައެވެ. މި ބަލާ ފާސްކުރުމުގައި އަހަރީ ފީ ނުދައްކާވާ 28 އުޅަނދެއްގެ އިތުރުން އިންޝުއަރެންސް އަދި ރޯޑް ވާދިނަސްގެ 57 މައްސަލައެއް ވަނީ ރިކޯޑްކުރެވިފައެވެ.

މިދިޔަ ހަފްތާގައި ލައިސަންސް ނެތި ދުއްވި 140 މީހަކު ފުލުހުން ހިފައްހައްޓާފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ތިން ކުއްޖަކުވެސް ހިމެނެއެވެ. ފުލުހުންގެ ހިސާބުތައް ދައްކާގޮތުން ލައިސަންސް ކާޑު ނުލާ ދުއްވި 85 މީހަކު ވަނީ ހިފަހައްޓާފައެވެ.