ޚަބަރު

ބްރިޖްގެ މަޝްރޫއުގައި ތިމާވެއްޓަށް ގެއްލުންދީފައިވާތީ ޕްލޭނިން މިނިސްޓްރީ 8 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި


މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާފައިވާ ސިނަމާލޭ ބްރިޖު މަޝްރޫޢު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނާއި ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާތީ ޕްލޭނިން މިނިސްޓްރީން 8 ލައްކަ ރުފިޔާއިން ޖުރިމާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ބުނީ ހުޅުލެ-މާލެ ބުރިޖު ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާކަމުގެ ހެކި އެ އެޖެންސީއަށް ލިބުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފް މެދުވެރިކޮށް ކުރި އިންސްޕެކްޝަނުން އެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ވަރަށް ގިނަ އަދަދެއްގެ ދަގަނޑު އުކާލާފައިވާކަން އެނގިފައިވާކަމަށެވެ.

މަޝްރޫއުގެ ކުރިޔަށް ގެންދިޔަ އޭރުގެ ހައުސިން މިނިސްޓްރީއަށް ދީފައިވާ އީއައިއޭ ރިޕޯޓާއި ޚިލާފަށް އެއްވެސްކަމެއް ހިނގައިފިނަމަ އެކަން އެ އީ.ޕީ.އޭއަށް ރިޕޯޓުކުރަންޖެހޭއިރު، އެކަން ހައުންސިންގ މިނިސްޓްރީގެ ފަރާތުން އަންގާފައިނުވާކަމަށްވެސް އީފީއޭއިން ބުނެއެވެ. އަދި އެ އެޖެންސީގެ ފަރާތުން ކޮށްފައިވާ މުއާމަލާތްތަކަށް ހައިސިން މިނިސްޓްރީން ޖަވާބުދާރީ ވެފައިނުވާކަމަށްވެސް އީ.ޕީ.އޭއިން ބުނެފައިވެއެވެ.

ހުޅުލެ-މާލެ ބުރިޖު މަޝްރޫއު ހިންގުމުގައި "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫން" ޚިލާފުވެފައިވާތީ، މި ޤާނޫނުގެ ދަށުން ހަދާފައިވާ "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދަށް ރިޢާޔަތްކޮށް، އަށްލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ ރުފިޔާއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ ވަނީ  ޖޫރިމަނާކޮށްފައެވެ. އަދި މި ޖޫރިމަނާއަށް ވާ ފައިސާ 30 ދުވަހުގެ ތެރޭގައި އީ.ޕީ.އޭއަށް ދެއްކުމަށްވެސް އެ އެޖެންސީގެ ފަރާތުން ޕްލޭނިންގ މިނިސްޓްރީއަށް ވަނީ އަންގާފައެވެ.