ޚަބަރު

ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތް ކުރާނީ ޒިންމާދާރުކަމާއެކު - ސަރުކާރު


ޝަރުއީ ދާއިރާ ހިންގުން ހަރުދަނާކުރުމުގައި ދިވެހި ސަރުކާރުން ޒިންމާދާރުކަމާއިއެކު މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ބައިނަލް އަޤްވާމީ މުޖުތަމަޢުއަށް ދީފިއެވެ.

ސްވިޒަރލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ 41 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ޝަރުޢީ ދާއިރާ އިސްލާހުކޮށް، ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން ކޯޓުތަކުގެ އޮނިގަނޑާއި ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުން ހިމެނޭކަން ހާލާ ފާހަގަކުރެއްވިއެވެ. އަދި ފަނޑިޔާރުންނާއި ގުޅޭ ޝަކުވާތައް ޖުޑީޝަލް ސަރވިސަސް ކޮމިޝަނަށް ހުށަހެޅުމުގެ މަގު ފަސޭހަކުރުމާއި ޝަކުވާ ބެލޭނެ އިންތިޒާމް އިތުރަށް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކަށްވެސް ހާލާ އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ލީގަލް ޕްރޮފެޝަންސް އެކްޓްގެ ބިލާއި، އެބިލުގެ ސަބަބުން ނިކުންނަ ނަތީޖާތަކުގެ މައްޗަށްވެސް ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބުގެ ބަޔާނުގައި ބައްލަވާލެއްވިއެވެ.

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 41 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ފެށިގެން ދިޔައީ، ހައިކޮމިޝަނަރ ފޯ ހިޔުމަން ރައިޓްސް ހަރ އެކްސެލެންސީ މިޝެލް ބަޝެލޭ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގަމުން އަންނަ އިންސާނީ ހައްޤުތަކުގެ ޙާލަތާއި ގުޅޭގޮތުން ދެއްވި ބަޔާނަކުންނެވެ.

ކައުންސިލް ސެޝަންގައިވެސް ރާއްޖެއިން ބައިވެރިވެވަޑައިގަންނަވާ ވަފުދުން ކައުންސިލްގެ ޕްރޮގްރާމް އޮފް ވާރކްގައި ހިމެނޭ އެކި ބައްދަލުވުންތަކުގައި ބައިވެރިވާނެއެވެ.. މިގޮތުން، ޕްރޮގްރާމް އޮފް ވާރކްގައި ހިމެނޭ ޕެނަލް ޑިސްކަޝަން އޮން ވިމެންސް ރައިޓް އެންޑް ކްލައިމެޓް ޗޭންޖް، އަދި މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލުމުގެ އިތުރުން، ސީރިއާ އަދި ފަލަސްތީންގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ ރާއްޖޭގެ ފަރާތުން ބަޔާނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

41 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ، ދިވެހިރާއްޖޭއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، ޑރ. ހާލާ ޙަމީދެވެ. މީގެއިތުރުން އެ އޮފީހުގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޙައުލާ އަޙްމަދު ދީދީ، ފަސްޓް ސެކްރެޓަރީ، ޝާހިޔާ އަލި މަނިކާއި ފަސްޓް ސެކްރެޓަރީ، އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގަންނަވައެވެ.

ހިއުމަން ރައިޓްސް ކައުންސިލްގައި 47 މެންބަރުން ތިބެއެވެ. މި ކައުންސިލުންގެ މަސައްކަތަކީ ދުނިޔޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ބާރުއެޅުމާއި އެފަދަ މައްސަލަތަކުގައި މަޝްވަރާކޮށް ގޮތް ނިންމުން ހިމެނެެވެ. 3 ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން ނިމެނީ އަންނަ މަހުގެ 12 ވަނަދުވަހުއެވެ.